ދުނިޔޭގެ ގިނަ ބަޔަކު ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުން ކުރަމުންދާ މަގުބޫލު ޓެކްނޮލޮޖީ ކުންފުނި މާސްޓަކާޑާ އެކު އުރީދޫ މޯލްޑިވްސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އިތުރު ފަސޭހަތަކާއި ހާއްސަ ކަންތައް ފޯރުކޮށް ދިނުމަށްޓަކައި، ސްޓްރެޓެޖިކް ޕާޓްނަޝިޕް އެއްބަސްވުމެކެވެ.

މިއެއްބަސްވުން އިއުލާނުކުރެވުނީ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގައި މާސްޓަކާޑުގެ ދެކުނު އޭޝިއާގެ ޗީފް އޮޕަރޭޓިން އޮފިސާ ވިކާސް ވަރްމާ އަދި ކުންފުނީގެ ކަންޓްރީ މެނޭޖާ ސްރީ ލަންކާ އަދި މޯލްޑިވްސް، ސަންދުން ހަޕުގޯޑާ އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއެކު ބޭއްވުނު ބައްދަލުވުމެއްގައެވެ.

އުރީދޫ އިން ބުނީ، ކަސްޓަމަރުންނަށް ފެންވަރު ރަގަޅު ހިދުމަތްތައް ފޯރުކޮށްދީ، ދިރިއުޅުން ފަސޭހަ ކުރެވޭފަދަ ޒަމާނީ އީޖާދީ ހިދުމަތްތަކެއް ގެނެސް ދިނުމަކީ އޫރީދޫ މޯލްޑިވްސް އަބަދުވެސް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. މާސްޓަކާޑާއެކު ވީ އެއްބަސްވުމަކީ ވެސް ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށް އުރީދޫގެ ސީއީއޯ ވިދާޅުވިއެވެ. އުރީދޫގެ ކަސްޓަމަރުން އަދި މާސްޓަކާޑު ގެންގުޅޭ ފަރާތްތަކަށް ހާއްސަ އެތައް ކަމެއް ކުރިއަށް އޮތް ތަނުގައި ތައާރަފުކުރާނެ ކަމަށް ސީއީއޯ ހާލިދު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިކާސް ވަރުމާ ވިދާޅުވީ، މާސްޓަކާޑު އަދި އުރީދޫ މޯލްޑިވްސް އާއިއެކު ރާއްޖެއަށް ޒިޔާރަތްކުރާ މާސްޓަރކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ހުޅުވާލާނެ ކަމަށެވެ. މާސްޓަކާޑު ބޭނުންކުރާ ފަތުރުވެރިންނަށް އުރީދޫ އާއެކު ހައި ސްޕީޑް ޑޭޓާ ބޭނުންކުރުމުގެ މަގު ތަނަވަސްވެ، އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި މާސްޓަކާޑު ބޭނުން ކުރާ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ ކަންތައްތައް ހޯދައި ދިނުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާސްޓަރކާޑާއި އުރީދޫ މޯލްޑިވްސް އާއެކު ސޮއި ކުރި އެއްބަސްވުމާއެކު ދެ ކުންފުނީގެ އަމާޒަކީ ވެސް ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައި ދިނުމެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން މާސްޓަކާޑު ބޭނުން ކުރާ ފަރާތްތަކަށް ހުޅުވާލައިގެން ހާއްސަ އެކި އޮފާތަކާއެކު ރާއްޖޭގައި ހޭދަކުރާ ދުވަސްތައް ރާއްޖޭގެ އެންމެ ހަލުވި ނެޓްވާކު، އުރީދޫ އާއެކު ފުރިހަމަވެގެންދާނެވެ.