އަމީނީ މަގު ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލައި މިއަދު އެ މަގު އެއްކޮށް ބޭނުންކުރަން އާންމުންނަށް ހުޅުވާލައިފިއެވެ.
ތިން ފަހަރަށް ތާރީހު އާ ކޮށްގެން ވެސް ނުނިންމުނު އަމީނީމަގުގެ ނުނިމި އޮތް ސަރަހައްދު ކަމަށްވާ ހައުސިން މިނިސްޓްރީގެ އޮފީހާއި ދިރާގު ހެޑް އޮފީސް އިމާރާތާ ދެމެދު އޮތް ސަރަހައްދުގެ މަސައްކަތް ފެށީ މީގެ އެއް މަސް ކުރިންނެވެ. އެ ސަރަހައްދުގެ މަސައްކަތް ނިންމާ އަމީނީ މަގުގެ ބައެއް މި މަހުގެ 10 ވަނަ ދުވަހު ހުޅުވި ނަމަަވެސް މިއަދު މި ވަނީ ބޮޑު ތަކުރުފާނު މަގާ ހަމައަށް އެ މަގުގައި ކުރާ މަސައްކަތް ނިންމައި އެކީ ހުޅުވާލާފައެވެ.
ތާރު އަޅައި ނިންމާލިކަން ހާމަކޮށް، އަމީނީމަގު ހަދާ އާރުޑީސީން ކުރި ޕޯސްޓެއް ގައި ބުނީ، އަމީނީ މަގުގެ ސެގްމެންޓް 12، އަދި 13 ގެ މަސައްކަތް ނިންމައި މިއަދު އެ ސަރަހއްދުވެސް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލާފައިވާ ކަމަށެވެ.
ޒަމާނީ ފެންވަރަކަށް އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތް ކުރީގެ ޕްލޭނިން މިނިސްޓްރީން އާރުޑީސީ އާ ހަވާލުކުރީ ޖުލައި 4، 2022 ގައި 84 މިލިއަން ރުފިޔާއަށެވެ.
އެ މަސައްކަތް އެންމެ ފުރަތަމަ ނިންމަން ދީފައިވާ ތާރީހަކީ މިއަހަރުގެ ފެބްރުއަރީ މަހެވެ. ނަމަވެސް މިދިޔަ ސަރުކާރުން އެ މަސައްކަތް ނުނިމި ލަސްވުމުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 އަށް އެ މަސައްކަތް ނިންމާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެ މަގުގެ 11 ވަނަ ސެގްމެންޓްގެ މަސައްކަތް ސެޕްޓެމްބަރު މަހު ކުރީކޮޅު ނިންމާލުމަށް ފަހު އެ މަސައްކަތް ވަނީ މަޑުޖެހިފައެވެ. ދައުރު ނިމެން ވާ އިރަށް އަމީނީ މަގުގެ މަސައްކަތް ނިންމާނެ ކަމަށް ކުރީ ސަރުކާރުން ބުނި ނަމަވެސް އެ މަސައްކަތް ނުނިންމުނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސްޕީޑަކީ އަމީނީ މަގު ހަދާ ސްޕީޑްކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ވެރިކަން ލިބިވަޑައިގަތުމުން ކުރީ ސަރުކާރުން ހިންގި މަޝްރޫއުތައް ހުއްޓާ ނުލައި ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެންމެ އަވަހަށް ނިންމާނެ މަޝްރޫއުތަކުގެ ތެރެއިން އަމީނީ މަގުގެ މަސައްކަތް ވަނީ ފާހަގަ ކުރައްވާފައެވެ.