ފޭކު ޑޮލަރުން ވިޔަފާރި ކުރަމުންދާތީ ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ މިހާރަކަށް އައިސް ސައްހަ ނޫން 20، 50 އަދި 100 ޑޮލަރުގެ ނޫޓުތަކެއް ދައުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަމަށް އާންމު ރައްޔިތުން މިހާރަަށް ވުރެ ބޮޑަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފުލުހުން ބުނީ ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއްވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި ސައްހަ ނޫން ޑޮލަރުގެ ނޫޓްތަކެއް ދައުރު ވަމުންދާތީ މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދީގެން ޑޮލަރު މުއާމަލާތްކުރާއިރު ޑޮލަރުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ ޑޮލަރުގެ މުއާމަލާތް ނުކުރެވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިދިޔަ މަހުގެ ތެރޭގައި އެމްއެމްއޭއިން ވަނީ 100 ޑޮލަރުގެ ވަގު ނޫޓުތަކެއް ދައުރުވާތީ އެކަމާމެދު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ވަގު ނޫޓުތަކުގައި ފާހަގަ ކުރެވޭ ކަންކަން:

  • ސައްހަ ނޫޓާއި ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުން.
  • ނޫޓު އައްޔަށް ދިއްކުރުމުން ކަނާއަތް ފަރާތުގައި ހުންނަ ވޯޓާ މާކް ސައްހަ ނޫޓާ ތަފާތުވުން.
  • ނޫޓު އައްޔަށް ދިއްކުރުމުން ވައަތް ފަރާތުގައި ހުންނަ ސަލާމަތީ ރޮދި ފަށް ނޫޓުގެ ދެފަރާތުން ފެންނަން ނެތުން.
  • އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓްގައި ދިއްލިފައި ހުންނަން ޖެހޭ ރޮދި ފަށް ނޫޓުގެ ދެފަރާތުން ދިއްލިފައި ފެންނަން ނެތުން.
  • އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓްގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަން ޖެހޭ ސެކިއުރިޓީ ފައިބާ ނެތުން.
  • ނޫޓްގެ ކަނާއަތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު، ނޫޓް އަރިކުރުމުން ކުލަ ބަދަލު ނުވުން.

އެމްއެމްއޭއިން ވަނީ 100 ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ބަލައިގަތުމުގައި ސަމާލުވުމަށާއި ބަލައިގަނެވޭ ނޫޓުގެ ސައްހަކަމާ މެދު ޝައްކު ކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެނަމަ އެ ނޫޓެއް އެ އޮތޯރިޓީއަށް ގެންގޮސް ނޫޓުގެ ސައްހަކަން ޔަގީން ކުރުމަށް އެދިފައެވެ.