އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަނާއި އަމީނީމަގާއި ކަނބާއައިސާ ރަނި ހިނގުން ގުޅޭ ޖަންކްޝަން ދުއްވާ އުޅަނދުފަހަރަށް މިއަދު ހުޅުވާލައިފިއެވެ.

ތިން ފަހަރަށް ތާރީހު އާ ކޮށްގެން ވެސް ނުނިންމުނު އަމީނީމަގުގެ ނުނިމި އޮތް ސަރަހައްދު ކަމަށްވާ ހައުސިން މިނިސްޓްރީގެ އޮފީހާއި ދިރާގު ހެޑް އޮފީސް އިމާރާތާ ދެމެދު އޮތް ސަރަހައްދުގެ މަސައްކަތް ފެށީ މީގެ އެއް މަސް ކުރިންނެވެ. އަދި ހޮނިހިރު ދުވަހު ތާރު އަޅަން ފަށައި، އިއްޔެ އެ މަސައްކަތް ވަނީ ނިންމާލައިފައެވެ.

ތާރު އަޅައި ނިންމާލިކަން ހާމަކޮށް، އަމީނީމަގު ހަދާ އާރުޑީސީން ކުރި ޕޯސްޓު ރީޕޯސްޓުކުރައްވައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ވީހާ ވެސް އަވަހަކަށް ފެން ހިންދުމަށް ބޭނުންވާ ޕަމްޕުތައް ގެނެވި، ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތްތައް އަވަހަށް ނިމިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، އަމީނީމަގުގެ ފަހު ދެ ސެގްމެންޓު އެއްކޮށް ހުޅުވާލެވޭނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު ކަމަށެވެ.

ޒަމާނީ ފެންވަރަކަށް އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތް އޭރުގެ ޕްލޭނިން މިނިސްޓްރީން އާރުޑީސީ އާ ހަވާލުކުރީ ޖުލައި 4، 2022 ގައި 84 މިލިއަން ރުފިޔާއަށެވެ.