މި ފެށުނު 2024 ވަނަ އަހަރު ބޭރުގައުމުގެއް އެންމެ އިސްވެރިއަކަށް, ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގަތުން އިންޑިއާ އަށް ހަޖަމް ނުވި އިރު އެއީ އިންޑިއާއިން ގެންގުޅޭ ހަންފެތުރުގެ ސިޔާސަތެއް ކަމަށް ބުނެ ޗައިނާއިން ފާޑުކިޔައިފިއެވެ.

ޗައިނާގެ ސަރުކާރުން ހިންގާ ގްލޯބަލް ޓައިމްސް އާއި ޗައިނާ ޑެއިލީގައި ބުނެފައި ވާ ގޮތުން, ރައީސް ޑރ. މުއިއްޒު އިންޑިއާ އަށް ވަޑައިނުގެން ޗައިނާ އަށް ވަޑައިގަތީ 'ޕްރޯ ޗައިނާ" ސިޔާސަތުގެ ދަށުން ކަމަށް އިންޑިއާއިން ބުނަނީ, އެގައުމުގެ ސިޔާސީ ބައެއް ލީޑަރުންނަށް އިތުބާރު [ސިޔާސީ ބާރުވެރިކަމާ މެދު] ނެތުމުންނެވެ. މީގެ އިތުރުން އެވާހަކަ ދައްކަނީ, ޒަމާނުންސުރެ ސަރަހައްދުގެ ގައުމުތަކުގެ މައްޗަށް ހަންފެތުމަށް އިންޑިއާ އިން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް ބުނެ ފާޑުކިޔާފައި ވެއެވެ. އަދި ޗައިނާ އާއި އިންޑިއާ ދެމެދު އޮތް ވާދަވެރިކަން އަސްލަކަށް ހަދާ, އިންޑިއާއިން ގެންގުޅޭ ހަންފެތުމުގެ ސިޔާސަތު ޗައިނާ އަށް ފޫޅު ނުކެޑުމަށް ވެސް ބުނެފައި ވެއެވެ.

މި ކަމާގުޅިގެން އިންޑިއާގެ ސަރުކާރަށް ވާގިދޭ ބައެއް ނޫސްތަކުން ބުނެފައި ވަނީ, ޗައިނާއިން އިންޑިއާ އަށް މަލާމާތް ކޮށް ހަމަލާ ދެނީކަމަށެވެ.

އިންޑިއާ އިން ރައީސް މުއިއްޒަކީ ޓާގެޓަކަށް ހަދާފާއި ވާ އިރު, ފުޑާން ޔުނިވާސިޓީގެ ސެންޓާ ފޯ ސައުތް އޭޝިއަން ސްޓަޑީސް ގެ ޑެޕިއުޓީ ޑައިރެކްޓަރު ލިން މިންވެންގް ވިދާޅުވީ, ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ "އިންޑިއާ ފަސްޓް" ގެ ބަދަލުގައި "މޯލްޑިވްސް ފަސްޓް" ކަމަށާއި އެއީ ރައީސް މުއިއްޒު އެއްވެސް ކޮޅެއް [ސައިޑެއް] ނަންގަވައިގެން ގެންގުޅުއްވާ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެއީ ރާއްޖެ އިސްކޮށް ރާއްޖެއަށް މުހިންމު ކަންކަމާއި މަސްލަހަތު ހުރި މަގަށް ކަންކަން ކުރެއްވުން ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސް އިން އިތުރަށް ބުނީ, އިންޑިއާ އިން މަސައްކަތް ކުރަމުން ދަނީ "ޕްރޯ ޗައިނާ" އޭ ކިޔައިގެން މުއިއްޒަށް ޕްރެޝާ ކުރުމަށް ކަމަށާއި, އަވަށްޓެރިންނާ މެދު އިންޑިއާއިން ގެންގުޅޭ "އަމިއްލަވަންތަ ކަމުގެ ސިޔާސަތު" ބަދަލު ކުރަން ޖެހޭ ކަމަށެވެ.

މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން އިންޑިއާއިން ކަންބޮޑުވަނީ 2008 އިން ފެށިގެން ރާއްޖޭގެ ކޮންމެ ރައީސަކު އެންމެ ފުރަތަމަ ވަޑައިގަތީ އިންޑިއާ އަށް ކަމަށް ވެފައި އެ މަގުން މުއިއްޒު ނުހިންގަވާތީ ކަމަށް ޗައިނާގެ ނޫސްތަކުގައި ވުނެއެވެ. އިންޑިއާއިން ގަބޫލު ކުރަނީ މުއިއްޒު އެމަގުން ނުހިންގަވަނީ ޗައިނާގެ ނުފޫޒުގެ ސަބަބުން ކަމަށާއި އިންޑިއާ އާއި ރައީސް މުއިއްޒު ދުރުވާ އަނެއް ސަބަބަކީ "އިންޑިއާ އައުޓް" ޕޮލިސީގެ ސަބަބުން ކަމަށް އިންޑިއާ ދެކޭ ކަމުގައިވެސް އެ ނޫސްތަކުގައި ބުނެފައި ވެއެވެ.

އަދި އިންޑިއާ އާއި ސަރަހައްދީ ބައެއް ގައުމުތަކާ ގުޅުން ގޯސްވާ އަނެއް ސަބަބަކީ, ސަރަހައްދުގެ "ބޮސް" ގެ ބައި ކުޅެން އިންޑިއާއިން ބޭނުންވުން ކަމަށް ބުނެވެސް ފާޑުކިޔާފައި ވެއެވެ.

ރައީސް މުއިއްޒު ޗައިނާއަށް މިހާރު ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އެގައުމުގެ ރައީސް ޝީ ޖިންގްޕިން އާ މުއިއްޒު އަދި ބައްދަލު ނުކުރައްވާތީ އެކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި "ހަޖޫ ޖަހާފައި" ވެއެވެ. އެގޮތުން ބައެއް ނޫސްތަކުގައި ބުނެފައި ވަނީ, ޗައިނާގައި މުއިއްޒު އުޅުއްވާތާ 2 ދުވަސް ވީ ކަމަށާއި އަދިވެސް ޝީ އާ ބައްދަލުވެ ވަޑައިނުގަންނަވާ ކަމަށެވެ. އޭގެ ބަދަލުގައި މުޅިންވެސް ބައްދަލުވެ ވަޑައިގަންނަވަނީ ޕްރޮވިންޝަނަލް ]ސަރަހައްދީ[ ވެރިންނާ ކަމަށެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން މިހެން ބުނެފައި ވާ އިރު, ރައީސް މުއިއްޒާއި ޗައިނާގެ ރައީސް ޝީ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ. މި ރަސްމީ ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި ތަފާތު އެކިއެކި ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޗައިނާއިން ކުރިއަށް ގެންދާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) ގެ ދަށުން އުމްރާނީ ތަރައްގީ އާއި ފަތުރުވެރިކަމާއި އިގުތިސޯދީ ދާއިރާތަކުގެ އެއްބަސްވުންތައް ހިމެނެއެވެ. އަދި ގްރީން އިކޮނޮމީ އާއި މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާތަކުގެ އެއްބަސްވުންތައް ވެސް އެކުލަވާލާނެއެވެ. މީގެ އިތުރުން ފްރީޓްރޭޑް ގެ ދާއިރާއިން ކުރިއަށް ދާން ދެގައުމުގެ ދެމެދުގައި އިތުރަށް ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ.

މުއިއްޒުގެ ޗައިނާ ދަތުރުފުޅުގައި ޖިއާމިން އާއި އިތުމަތީ ޗައިނާގެ ފޫޖިއާން ޕްރޮވިންސަށް ވަޑައިގެންފައި ވާ އިރު, ޗައިނާގެ ގިނަ އަދަދެއްގެ އިންވެސްޓަރުން ބައިވެރި ވި ފޯރަމެއްގައި ވެސް ރައީސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ފޯރަމްގައި ރާއްޖޭގެ އެކިއެކި އިންޑަސްޓްރީތަކުން ގިނަ އަދަދެއްގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައި ވާ އިރު މިއީ ރާއްޖެ އާއި ޗައިނާގެ އިންސްވެސްޓަރުން ގުޅުވާލަދިން މުހިންމު ފޯރަމެކެވެ.

މާދަމާ މުއިއްޒު ޝީ އާ ބައްދަލު ކުރެއްވުމުގެ ކުރިން, ރައީސަށް މަރުހަބާ ދެންނެވުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ބައްދަލުވުންތަކުގައި ޝީ ގެ އިތުރުން ޗައިނާގެ ޕްރިމިއާ ލީ ކިއާންގް އާއި ނޭޝަނަލް ޕީޕަލްސް ކޮންގްރެސް ސްޓޭންޑިން ކޮމިޓީގެ ޗެއާ ޒައޮ ލެޖީވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރައީސް މުއިއްޒަކީ ފެށިގެން މިދާ 2024 ވަނަ އަހަރު, ޗައިނާގެ ރައީސްގެ ދައުވަތަކަށް އެގައުމަށް ވަޑައިގެންނެވި ފުރަތަމަ ރައީސް އެވެ.

ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއަކަށް ވާއިރު ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމާއި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ފަދަ މަޝްރޫއުތަކަކީ މިހާރުވެސް ފެންނަން ހުރި މުހިންމު އަދި ބޮޑެތި މަޝްރޫއުތަކެވެ.