ޑިމޮކްރެޓުންގެ ފަރާތުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް، ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓުކުރެއްވުމުން، ނިމިދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ނުރުހުން ފާޅުކުރައްވައިފިއެވެ.

މި ސަރުކާރު ފެށުނީއްސުރެ، ރައީސް މަގާމުން ވަކިކުރުމުގެ ވާހަކަ ދައްކަން އެންމެ ފުރަތަމަ ފެށީ، މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީގެ މަޖިލިސް މެންބަރުންނެވެ. އެގޮތުން އެމްޑީޕީގެ ބައެއް މެންބަރުން އޭރު ވަނީ، ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހަށް ވައްދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މެދުހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އާޒިމް ވަނީ، ޑިމޮކްރެޓުން ތިބީ ރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ދަމަހައްޓައި، ދޭދޭ އަވަށްޓެރި ގައުމުތަކުން ރާއްޖެ އެކަހެރިކުރިޔަ ނުދިނުމަށް ކަމަށް ވިދާޅުވެ، ރައީސް މަގާމުން ވަކިކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ތައްޔާރުތޯ ސުވާލު އުފައްދަވައިފައެވެ.

އާޒިމްގެ މި ޕޯސްޓުގައި އެމްޑީޕީ ވެސް ޓެގް ކުރައްވާފައި ވެއެވެ.

ބެލެވޭ ގޮތުގައި އާޒިމް މިފަދައިން ޕޯސްޓުކުރައްވާފައި ވަނީ ރާއްޖޭގެ ތިން ޑެޕިއުޓީ ވަޒީރަކު އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަށް ބޭއަދަބީ ބަހުން މުހާތަބުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމުގެ ސަބަބުން، ސަރުކާރަށާއި ރާއްޖެ އަށް ފާޑުކިއުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

އާޒިމަށް ރައްދުދެއްވައި މަހްލޫފް ވިދާޅުވީ، ރައްޔިތުން އިންތިހާބުކޮށްފައިވާ ސަރުކާރެއް ވައްޓާލުމާ ދެކޮޅު ކަމަށާއި، އެއީ ރާއްޖެ އަށް ރަނގަޅު ތަޖުރިބާއެއް ނޫން ކަމަށެވެ. ހަމަ އެހެންމެ މި ސަރުކާރަށް އަދި ދެ މަސްދުވަސް ހަމަނުވާ ކަން، މިހާރު އެމްޑީޕީގައި އިސްކޮށް އުޅުއްވާ މަހްލޫފް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބަދަލުގައި އިންޑިއާގެ ސަރަހައްދުގައިވާ ލަކްޝަދީބުގެ ރަށްތަކަށް ޒިޔާރަތްކުރުމަށް ގޮވާލައްވައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ކުރެއްވި ޕޯސްޓެއް ރީޕޯސްޓުކޮށް، މިކަމުގެ ސަބަބުން ލަކްޝަދީބަށް އަންނަ ފަތުރުވެރިން އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިއުން އެކަށީގެންވާ ކަމަށް އިންޑިއާގެ މީހަކު ކުރި ޕޯސްޓަކާ ގުޅިގެން، ރާއްޖޭގެ ތިން ނައިބު ވަޒީރަކު މޯދީ އަށް ބޭއަދަބީކޮށް މުހާތަބުކޮށްފައެވެ.

މި މައްސަލައިގައި ޔޫތު މިނިސްޓްރީގެ ތިން ނައިބުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފާއި އަބްދުﷲ މަހްޒޫމް މާޖިދަށް ދެ ގައުމުގެ އާންމުން، ހާއްސަކޮށް އިންޑިއާ މީހުންގެ ނުރުހުން އަމާޒުވުމުގެ އިތުރުން، ރާއްޖެއަށާއި ދިވެހި ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ ބަޔާނެއް ނެރެ، މި ތިން ވަޒީރުން ސަސްޕެންޑުކޮށްފައެވެ.

މިހާރު މި ތިން ވަޒީރުން ވެސް ވަނީ އޭރު ކުރި ޕޯސްޓުތައް ޑިލީޓުކޮށްލައިފައެވެ.

މިކަމާ ގުޅިގެން ޝިއުނާއަށާއި މަލްޝާއަށާއި މަހްޒޫމަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އަދި އާންމުންގެ ކިބައިން މައާފަށް އެދުމަށް ވެސް ގިނަ ބަޔަކު ގޮވާލާފައިވެއެވެ.