ގދ. ތިނަދޫ ރަށްވެހިކަން ދޫކޮށްލާ ރައްޔިތުން 5000 ރުފިޔާގެ ފީއެއް ސިޓީ ކައުންސިލަށް ދައްކަން ޖެހޭ މައްސަލަ ލޯކަލް ގަވަންމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން ބަލަން ފަށައިފިއެވެ.

ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބިފައިވުމާއެކު، އެ ރަށުގެ އާބާދީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރަށުގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން އިދާރީ ފީއެއްގެ ގޮތުގައި 5،000 ރުފިޔާ ނަގަން އެ ރަށު ކައުންސިލުން ފާސްކޮށް އެކަން ގެޒެޓުކޮށްފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

ތިނަދޫ ކައުންސިލުގެ މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން އަންނައިރު އެލްޖީއޭ އިން ބުނީ ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފީ ނަގަން ކައުންސިލުން ނިންމާފައިވީ ނަމަވެސް އެއީ ގާނޫނު އަސާސީ އާއި ހިލާފުކަމެއް ކަމަށެވެ. ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުން ވެސް ގާނޫނާ ހިލާފު ނިންމުމެއް ނިންމައިފި ނަމަ އެ ނިންމުން ބާތިލްކުރާނެކަން ފާހަގަކޮށް އެލްޖީއޭ އިން ބުނީރަށްވެހިކަން ދޫކޮށްލާއިރު ފީއެއް ނެގުން ފަދަ ކަންކަމަކީ ކައުންސިލަކުން އަމިއްލައަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން ރާއްޖޭގައި މީހުންދިރިއުޅޭ ކޮންމެރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެން ވާއިރު އެލްޖީއޭ އިން ބުނީ މި މައްސަލަ މިއަދު ބާއްވާ އެގްޒެކްޓިވް ބޯޑު ކޮމިޓީއަށް އެޖެންޑާކޮށްފައިވާކަމަށެވެ. އަދި ކައުންސިލުގެ މި ނިންމުމަކީ ގާނޫނު އަސާސީ އާއި ފުށުއަރާ ނިންމުމަކަށް ވާއިރު، އެލްޖީއޭ އިން ވަނީ މި މައްސަލަ ބަލާނެކަމަށް ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މީގެ ކުރިންވެސް ކައުންސިލުން ރަށްވެހިކަން ބަދަލުކުރާނަމަ ފީއެއް ނަގައެވެ. މި ގޮތުން އޭރު ނަގަމުން އައީ 250 ރުފިޔާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.