މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމުގެ ގޮތުން، ބޮއިންގް މަރުކާގެ މަތިންދާބޯޓެއް ހޯދަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުން އިއުލާނުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އެ ކުންފިނިން 06 އަހަރު ދުވަހުގެ މުއްދަތައް ހޯދަމުން ދަނީ ބޮއިންގް ބީ787-8 މަރުކާގެ މަތިންދާބޯޓެއް ކަމަށެވެ. އަދި މި މަތިންދާބޯޓުގައި އިކޮނޮމިކް އަދި ބިޒްނަސް ކްލާސް ހުންނަންވާނެ ކަމަށާއި ބިޒްނަސް ކްލާހެއްގައި މަދުވެގެން 15-20 ސީޓް ހުންނަންވާނެކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

ތިންދާބޯޓު ފޯރުކޮށްދޭން ބިޑު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އާ ހަމައަށް ހުޅުވާލާފައިވާއިރު އެ މަތިންދާބޯޓު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފޯރުކޮށްދޭންޖެހޭނެކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

ބޮއިންގް 787 ގެ މަތިންދާ ބޯޓުގެ ހިދުމަތްތައް 2011 ވަނަ އަހަރު ފެށިގެން ދިޔައިރު މިހާރު އެ މަރުކާގެ 1000 ވުރެގ ގިނަ ބޯޓު އަންނަނީ އޮޕަރޭޓްކުރަމުންނެވެ. 250 ސީޓް ހުންނަ މި ބޯޓަކީ 14،200 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ.

މޯލްޑިވިއަން އަށް ބޮއިންގް މަރުކާގެ ފްލައިޓެއް ހޯދަން އިއުލާނުކޮށްފައިވާއިރު އެ އެއާލައިނުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެއާބަސް އޭ 330-200 ގެ ފްލައިޓެއް ފަސް އަހަރުގެ މުއްދަތަށް ހޯދަންވެސް އިއުލާންކޮށްފައެވެ.

މޯލްޑިވިއަން އިން މިހާރުވެސް ދަތުރުތަކަށް ދެ އެއާބަސް ބޭނުންކުރަމުން އަންނައިރު އެ ކުންފުނިން ބުނީ މިހާރު ބޭނުންކުރަމުންދާ 321 އެއާބަސްގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައި ނުވާކަމަށާ އަދި 320 އެއާބަސްގެ އެއްބަސްވުމުގެ މުއްދަތުވެސް ހަމަވާން ކައިރިވެފައިވާކަމަށެވެ. އެހެންކަމުން އަލަށް ގެނައުމަށް ނިންމާފައިވާ ބޮއިންގް ގެ ބޯޓުތަކާއެކު އެއާބަސްގެ ދަތުރުތައް ހުއްޓާލުމަށް ވިސްނަމުންދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.