ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވިހި އަހަރު ދުވަހުގެ މާސްޓާ ޕްލޭނެއްގެ ދަށުން، ހިންގާ ތަރައްގީގެ މަޝްރޫއު އާއި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް، ޗައިނާގެ އިންވެސްޓަރުންގެ އެހީއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

ޗައިނާއިން އެހެން ގައުމުތަކުގެ އުމްރާނީ ތަރައްގީގައި ބައިވެރިވުން އިތުރު ކުރުމަށް 2013 ވަނަ އަހަރު ފެށިގެން، އިންވެސްޓް ކުރާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) ނުވަތަ ސިލްކް ރޯޑް އިނީޝިއޭޓިވް މެދުވެރިކޮށް ފައިސާ ހޯދަން ރައީސް އެދިވަޑައިގެންފައިވާއިރު، މިއީ މި ސަރުކާރުގެ އެންމެ މުހިންމު ތަރައްގީގެ ދެ މަޝްރޫއުކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވާ އެއްގޮތްވާ ފްރޭމް ވޯކެއްގެ ދަށުން، މި މަޝްރޫއުތަކަށް ޕާޓްނާޝިޕް ހަދައިގެން ކުރިއަށް ދިއުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އުއްމީދެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ އިސްނެންގެވުމާއެކު ފެއްޓެވި، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ތެރެއިން ރާއްޖެއަށް މީގެ ކުރިން ނުލިބޭ މިންވަރަށް ގިނަ އެހީތަކެއް ލިބިފައިފައިވާ ކަމަށެވެ.

ޗައިނާ އާއި ރާއްޖެއާއި ދެމެދު 1972ވަނަ އަހަރު ރަސްމީކޮށް، ސިޔާސީ ގުޅުން ގާއިމްކުރުމާއެކު މިއަދާ ހަމައަށް ވެސް ޗައިނާއަކީ ރާއްޖޭގެ ތަރައްގީގައި އެންމެ ގާތް، އަދި އެންމެ އެކުވެރި އެއް ގައުމުކަމަށް ރައީސް ފާހަގަކުރެއްވިއެެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ޕްރޮޖެކްޓުގައި ބައިވެރިވެފައިވާ ގައުމުތަކުގެ އަދަދު 150އަށް ވުރެ ގިނައިރު، މިއީ ބީއާރުއައި މަޝްރޫއުއަށް 100 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ފައިސާ އިތުރުކުރެވެއެވެ.