ބޭރުގެ ވެރިންނާ މެދު ސަރުކާރުގެ އޮފިޝަލުން ދެއްކި ވާހަކައަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ތަނެއްގެ ގޮތުގައި އޮތް ލަކްޝަދީޕަށް ވަޑައިގެން ގޮނޑުދޮށްތަކުގެ ރީތިކަން ފެންނަ ގޮތަށް ކުރެއްވި ޕޯސްޓާ ގުޅިގެން ޔޫތު އެމްޕަވާމެންޓްގެ ޑެޕިއުޓީ މިނިސްޓަރު މަރްޔަމް ޝިއުނާއާއި މަލްޝާ ޝަރީފް ވަނީ މޯދީއަށް ބޭއަދަބީ ބަހުން މުހާތަބު ކުރައްވައި 'އެކްސް' ގައި ޕޯސްޓެއް ކުރައްވާފައެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން އަންނައިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް ނަޝީދު ވަނީ ސަރުކާރުގެ މަގާމެއްގައި ހުންނެވި ބޭފުޅަކު އެފަދަ ބޭއަދަބީ ބަސްތައް، ރާއްޖެއަށް ސަލާމަތީ ގޮތުންނާ އެހެނިހެން ގޮތް ގޮތުންވެސް މުހިއްމު ގައުމެއްގެ ލީޑަރަކަށް އަމާޒު ކުރުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ އިތުރުން ރައީސް ނަޝީދު ވަނީ މިކަމުގައި ސަރުކާރުގެ އެއްވެސް ހިއްސާއެއް ނުވާކަން ހާމަކޮށްދިނުމާއެކު، އެފަދަ އެއްވެސް ސިޔާސަތެއް ނުގެންގުޅޭކަމުގެ ޔަގީންކަން އިންޑިއާއަށް ދިނުމަށްވެސް ގޮވާލައްވާފައެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބޭރުގެ ލީޑަރުންނާއި މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާމެދު ބޭއަދަބީ ކޮށް ވާހަކަ ދައްކަމުންދާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ ހިޔާލުތަކަކީ އަމިއްލަ ހިޔާލުތަކެއް ކަމަށާއި ދިވެހި ސަރުކާރުގެ ސިޔާސަތު ނޫން ކަމަށެވެ.

މިނިސްޓްރީއިން ބުނީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ޖެހޭނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި ކަމަށާއި ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާ މެދު ނަފްރަތު ނުއުފެދޭ ގޮތަށް ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކާމެދު އިހްތިރާމް ކުޑަކޮށް މުއާމަލާތް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.