ސިޔާސީ ޕާޓީއެއް އުފައްދަން އެކަކަށްވުރެ ގިނަ މީހުންނަށް އެދެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީގެ ގަވާއިދަށް ބަދަލުތަކެއް ގެނެސް މިއަދު ގެޒެޓްކޮށްފައިވާނެ ކަމަށެވެ.

ހަބީބް ވިދާޅުވީ އެ ބަދަލަކީ ސިޔާސީ ޕާޓީއެއް އަލަށް އުފައްދާއިރު އެކަކަށްވުރެ ގިނަ މީހުންނަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދެވޭ ގޮތަށް ބަދަލުގެނައުން ކަމަށެވެ. އަދި ކުރިންވެސް ސިޔާސީ ޕާޓީތަކުން އެކަން ފާހަގަކުރައްވާ ކަން ފާހަގަކުރައްވާ ހަބީބް ވިދާޅުވީ އެ ގޮތަށް ނިންމެވީ ތަކުރާރުކޮށް ކޮމިޝަނަށް އެކަން ހުށަހެޅުމާ ގުޅިގެން ކަމަށެވެ.

އޭގެ އިތުރުން ހަބީބް ވިދާޅުވީ އަލަށް ސިޔާސީ ޕާޓީ އުފައްދާ ފަރާތަކަށް ސިޔާސީ ޕާޓީގެ ދަފްތަރު ސިމެދަ ޕޯޓަލްއިން ބެލޭނެ ގޮތަށް ހުއްދަ ލިބިގެންދާނެ ކަމަށެވެ.

މީގެ ކުރިން ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދެނީ އެންމެ ފަރާތަކަށް ކަމަށްވާއިރު ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ގެނައި 8 ވަނަ އިސްލާހާއެކު އެކަން ބަދަލުވެގެންދާނެއެވެ.