އަހަރުގެ ފުރަތަމަ ފިލްމު "މީ އިޝްގް" ރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކޮށްފިއެވެ.

ފިލްމު ޕްރިމިއާކުރުމަށް އޮލިމްޕަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ފިލްމުގެ ޑައިރެކްޓަރު އަޒްހާން އިބްރާހީމް ބުނީ މި ފިލްމުގެ މަސައްކަތް ފުރަތަމަ ފެށީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު ކަމަށެވެ. އޭރު މި ފިލްމަށް ދިން ނަމަކީ "މީ އިޝްގް" ނޫންކަމަށާއި ފިލްމުގެ ވާހަކަ އެއްކޮށް ބަދަލުކޮށް ލޯބީގެ އަސަރުގަދަ ވާހަކަ އެއް ލިޔުމަށްފަހު ފިލްމުގެ ނަމަކަށް "މީ އިޝްގް" ކީ ކަމަށް ވެސް އަޒްހާން ބުންޏެވެ. މިދިޔަ އޭޕްރިލް މަހު މާފުށީގައި ޝޫޓްކުރުމަށްފަހު މާލެ އައިސް ޝޫޓް ކުރިއަށް ގެންދިޔައީ ސެޕްޓެމްބަރު މަހުކަމަށާއި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވުނީ މިދިޔަ ނޮވެމްބަރު މަހު ކަމަށްވެސް އަޒްހާން ވަނީ ބުނެފައެވެ. އަޒްހާން ބުނީ މި ފިލްމުގެ މަސައްކަތް ނިންމާލެވުނީ ބޮޑު ބައެއްގެ އެހީތެރިކަމާއެކު ކަމަށެވެ.

މި ފިލްމަކީ އާމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. ފިލްމު "ހިނދުކޮޅެއް" އިން މި ދެތަރިންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔައިރު ބެލުންތެރިން ދެން އެންމެ އިންތިޒާރު ކުރީ އަނެއްކާވެސް މިދެތަރިން އެކުގައި ފިލްމެއް ކުޅޭނެ ދުވަހަކަށެވެ. މި ފިލްމަކީ އަޒްހާންގެ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ. ފިލްމުގައި އާރިޒް (ޝަރަފް) އާއި ސަބާ (އާޝާ) ދިމާވަނީ މާފުށީ ގެސްޓު ހައުސްއަކުންނެވެ. ދެމީހުން އެއް ރޫމެއް ބުކްކޮށްގެން އުޅުމުގެ ތެރޭގައި ދެމީހުން ދިމާވެއެވެ. އެ ދަތުރުގައި އާރިޒް އާއި ސަބާގެ ގުޅުން ބަދަހިވެއެވެ. އަދި ދެމީހުންނަށް ލޯބިވެވެއެވެ. ދަތުރު ނިންމާލަން ޖެހުނުއިރު ދެމީހުންނަށް ތިބީ އެކަކު އަނެކަކުއާ ވަކިނުވެވޭ ވަރަށް ވުރެ ބޮޑަށް ލޯބިވެފައެވެ. މާލެ އައުމަށްފަހު ދިމާވާ ކަންތައްތަކެއްގެ ސަބަބުން ދެމީހުން ވަކިވާންޖެހި ދެމީހުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ މަންޒަރު ފިލްމުން ފެނިގެންދިޔައެވެ.

"މި ފިލްމަކީ އަސްލު މި ޖެނެރޭޝަންގެ ކުދިންނަށް ވަރަށް ކަމުދާނެ ފިލްމެއް. އެހެންވެ ކަންނޭގެ އަސްލު މި ފިލްމު ޒުވާނުންނަށް އެހާ ކަމުދިޔައީ،" ފިލްމު ބެލުމަށްފަހު ނުކުތް ޒުވާނެއް ބުންޏެވެ.

ފިލްމު ކިހިނެއްތޯ އެހެން ބެލުންތެރިއަކާ ސުވާލުކޮށްލުމުން ބުނީ އަހަރު ފެށިގެން މިދިޔައީ ލޯބީގެ ހިތްގައިމު ފިލްމަކުން ކަމަށާއި ލޯބީގެ ރީތި ފިލްމެއް އޮލިމްޕަހުގައި ނުބަލާތާ ދުވަސްކޮޅެއްވެއްޖެ ކަމަށެވެ. އަދި މީ އިޝްގް އަކީ އުންމީދަށް ވާސިލްވި ފިލްމެއް ކަމަށްވެސް އޭނާ ބުންޏެވެ.

މި ފިލްމު ނިމިގެން ދިޔައީ ވެސް ބެލުންތެރިންގެ ހޫނު ތަރުހީބާއެކުގައެވެ. ފިލްމުގެ ރިވިއުއަށް ކިޔުންތެރިން އިންތިޒާރުކޮށްލާށެވެ!