ބަންކަރިންއަކީ އެސްޓީއޯގެ ވިޔަފާރި އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވޭނެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ކަމަށާ އެ ހިދުމަތް ދިނުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެން ދާނެކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީ އެސްޓިއޯ އިން އައު ވިޔަފާރިތަކަށް ވަދެ އެ ކުންފުނީގެ އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރި ޝިމާދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ދިނުމަށް އެސްޓީއޯއިން މަސައްކަތް ކުރަމުން އަންނައިރު، މި ހިދުމަތް ދިނުމަށް ބޭނުންވާ ހުއްދަވެސް އެ ކުންފުންޏަށް މިހާރު ލިބިފައިވާ ކަމަށެވެ.

އެސްޓީއޯގެ އެންމެ މައިގަނޑު އެއް ވިޔަފާރިއަކީ ތެލުގެ ވިޔަފާރިކަން ފާހަގަކުރައްވަމުން ޝިމާދު ވިދާޅުވީ މިހާރުވެސް އެސްޓީއޯއިން ޑީސަލް، ޕެޓްރޯލް އަދި އޭވިއޭޝަން ފިއުލް ވިއްކަމުންދާ ކަމަށެވެ. އެހެންކަމުން ބަންކަރިންއަކީ އެސްޓީއޯގެ ވިޔަފާރި އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވޭނެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓްކަމަށް ޝިމާދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިމާދު ވިދާޅުވީ ބަންކަރިންގެ ހިދުމަތާއެކު، ރާއްޖެ މިއޮތް ލޮކޭޝަންގެ ބޭނުންހިފައިގެން ރާއްޖެއިން ބޭރަށް ތެޔޮ ރީ-އެކްސްޕޯޓް ކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެކަމަށެވެ. އެގޮތުން މިހާރު ވިއްކަމުންދާ 3 ބާވަތުގެ ތެޔޮ ފިޔަވައި ފިއުލް އޮއިލް އަދި އެހެނިހެން ތެލުގެ ބާވަތްތައްވެސް ވިއްކޭނެކަމަށް ޝިމާދު ވިދާޅުވިއެވެ.

ބަންކަރިންގެ ހިދުމަތް ފެށުމަށް މިހާރުވެސް ތައްޔާރުވަމުން އަންނަކަން ފާހަގަކޮށް ޝިމާދު ވިދާޅުވީ މި ވަގުތު ކުރިއަށް ދަނީ ލީގަލް ފްރޭމްވޯކްގެ މަސައްކަތް ކުރުމާއި، ޓެކްނިކަލް ފީސިބިލިޓީ ހެދުމުގައި ބަންކަރިންގެ ހިދުމަތް ފޯރުކޮށްދޭނެ މެކޭނިޒަމްއެއް ގާއިމްކުރުންކަމަށެވެ.

ބަންކަރިން ހިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުންކަމުގައިވާއިރު، ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަހައްދުތަކުގައި އެފަދަ ހިދުމަތެއް ފެށިއްޖެ ނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅައި ހެދޭނެއެވެ.