ހީވެސް ނުކުރެވޭ ފަދަ ހާދިސާއެއް ހިނގި ދުވަހުގެ ހެނދުނު ބައްޕަ ރޭޑިއޯ ހިފަހައްޓައިގެން ހުރީ ހަނގުރާމަ ހުއްޓާލުމުގެ ހަބަރު ފަދަ ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ. ގާޒާސިޓީގެ މެދުތެރޭގައި ހުންނަ އަހަރެމެންގެ އާއިލީ ގޭގައި އަނެއްކާވެސް ދިގު އަދި ނިދި ނެތް ރެއަކަށްފަހު މަންމަ މަސައްކަތް ކުރަމުން ދިޔައީ ހިތްހަމަޖެހުމުގެ ރާގަކަށެވެ.

"އުއްމީދަކީ މިއަދު ސުލްހަވެރިކަމާއެކު ފާއިތުވެގެން ދާނެ ކަމަށް، ނޫނީ އެންމެ ކުޑަމިނުން ރޭ ދިމާވި ކަހަލަ އެއްވެސް ކަމެއް ނުވާނެ ކަމަށް." މަންމަ ބުންޏެވެ.

އެދުވަހު ހެނދުނު - ޑިސެމްބަރު 7 – ރޭގަނޑު ދިން ބޮމުގެ ހަމަލާއިން ސަލާމަތްވިކަމުގެ ހަބަރު ދޯހާގައި ހުންނަ އަޅުގަނޑުގެ ނިއުސް ޑެސްކަށް ގުޅައިގެން އެމީހުންނަށް އެންގުމަށްފަހު، ހަބަރު އަޑުއަހަމުން ދިޔަ އަހަރެންގެ 65 އަހަރުގެ ބައްޕަ ރަފީކް ގާތަށް ދިޔައީމެވެ.

ކުރިއަށް ވާން އޮތީ ކޮންފަދަ ކަމެއް ކަން އަހަރެމެންގެ ތެރެއިން އެކަކަށްވެސް ނޭނގެއެވެ.

ހުރިހާ ކަމެއްވެސް ހިނގީ ހިނދުކޮޅެއްގެ ތެރޭގައެވެ. ހިނދުކޮޅެއްގެ ތެރޭގައި އިރުގެ އަލިކަން ގެއްލި މުޅި ދުނިޔެ އަނދިރިވެގެން ދިޔައީ އަހަރެންގެ ދެ އަހަރުގެ ފިރިހެން ދަރިފުޅު، ރާފިކް، އަހަރެންގެ އަންހެނުން އަސްމާ، ބައްޕަ، މަންމަ، ނާދިޔާ އަދި ކޮއްކޮ ފަތުމާ ދުމާއި އަލިފާނުގެ ކަޅު ދުނިޔެއަކަށް ވައްޓާލަމުންނެވެ.

ހީވީ ހުރިހާ އެއްޗެއް ނެތިގެން ދިޔަހެންނެވެ. އަހަރެންގެ ހަށިގަނޑުގައި ވޭން އަޅަމުން ދިޔައިރު، ފަހުން ރެއަކާލީ އަހަންނާ އަހަރެންގެ އާއިލާ ސީލިންގުގެ ދަށުގައި ތާށިވެފައިވާ ކަމެވެ.

ބިރުވެރިކަމެއްގެ ތެރޭގައި ފަހަރަކު އާއިލާ މެމްބަރެއްގެ ނަންތައް އަހަރެން ކިޔަމުން ދިޔައީމެވެ. އެއިން އެއްވެސް މީހެއް ފެންނަން ނެތުމުން އަހަރެން ރޮއެ ދުއާކުރަމުން ދިޔާއި އެއިން މީހެއްގެ ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.

އެއްވެސް މީހެއްގެ ފަރާތުން ޖަވާބެއް ނައެވެ. އޭގެ އިރުކޮޅެއް ފަހުން އަހަރެން ހޭނެތުނެވެ.

އިޒްރޭލު ސިފައިން ގާޒާ ސިޓީ އަށް ބަލަހައްޓައިގެން ތިބި މަންޒަރު

ވީނުވީއެއް ނޭނގޭ

އެތައް ގަޑިއިރެއް ފަހުން އަޑުތައް އިވެން ފެށިއެވެ.

"އޭނާ ދިރިއެބަހުރި. އޭނާ އެބަ ނޭވާލާ." އެފަދަ އަޑުތައް އިވެމުން ދިޔަ އިރު އަހަރެން އުންމީދުކުރަމުން ދިޔައީ އަހަރެންގެ އާއިލާ ސަލާމަތުން ފެންނާނެ ކަމަށެވެ.

"އެމީހުން އެންމެންވެސް އޯކޭ. އެމީހުންނާ ދޭތެރޭ ކަންބޮޑުނުވޭ." އަހަރެންގެ ދެއަތުން އަންނަމުން ދިޔަ ލޭ ހުއްޓުވަން މަސައްކަތް ކުރަމުން ނުދަންނަ މީހަކު އަހަރެންނަށް އެ ޔަގީންކަން ދިނެވެ.

"އެއްވެސް ވަރަކަށް ހަށިގަނޑުގެ ގުނަވަންތައް ތަޅުވަން މަސައްކަތް ނުކުރެ ކެތްތެރިވެގެން އޮވޭ." އަހަރެންގެ ހަށިގަނޑުން އެހެން ޒަހަމްތައް ހޯދަމުން އޭނަ އަހަންނަށް އިރުޝާދު ދިނެވެ.

ވީނުވީއެއް އަހަންނަކަށް ނޭނގެއެވެ. ވަމުން މިދަނީ ކިހިނެތްތޯ ވިސްނުމަށްވެސް ދަތިވިއެވެ. މި އެންމެންނަކީ ކޮން ބައެއް ކަމެއް އަދި އެއްވެސް ބަޔަކަށް އަޑު ނީވުނު ވައިގެ ހަމަލާއެއްގެ ޝިކާރައަކަށް އަހަރެމެން ވީ ގޮތެއް ނޭނގުނެވެ. އަހަރެންގެ އާއިލާ ވީ ކޮންތާކު ކަމެއް ނޭނގެއެވެ.

ގެއަށް ބޮން އެޅިތާ ދެ ގަޑިއިރު ވެއްޖެއެވެ. ގޭގެ ސިމެންތި ފާރުތައް ފަޅާލައި އަހަރެމެންނާ ހަމައަށް ވާސިލުވުމަށް އަވަށްޓެރިން މަސައްކަތް ކުރަމުން ދިޔައިރު، އެ ހުރިހާ ވަގުތެއްގައި ވެސް އަހަރެމެން ތިބީ ކުނިތަކެއްގެ ދަށުގައި ވަޅުލެވިފައެވެ.

ވީގޮތް މަޑުމަޑުން އެނގެން ފެށުމުން އަހަރެންގެ ހިތުގައި އުފެދުނު ވޭން އިތުރަށް ގަދަވަމުން ދިޔަހެން ހީވިއެވެ.

ވައިގެ ހަމަލާގައި އަހަރެމެން އެންމެންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ. މީހުން އަހަރެންގެ ފިރިހެން ދަރިފުޅު ރާފިކް ސަލާމަތް ކުރަން މަސައްކަތް ކުރަމުން ދިޔައިރު، އެކުއްޖާ ހަޅޭއްލަވާ އަޑު އިވެއެވެ. އެކުއްޖާގެ މޫނު އޮތީ ލެޔާއި ހިރަފުހުން ފުރިފައެވެ.

ދެބުރީގެ އިމާރާތް ބޮލަށް ވެއްޓުމުން ބިއްލޫރިތަކާއި ދަގަނޑުތައް ވެސް އަހަރެމެންގެ ގައި މައްޗަށް ވެއްޓުނު އިރު އަހަރެމެން ސަލާމަތްވި ގޮތެއް ނޭނގެއެވެ. އަދިވެސް ހީވަނީ އަޖައިބެއް ހެންނެވެ.

އެކަމަކު އެ ވައިގެ ހަމަލާއިން އަހަރެމެން މަރުނުވި ކަމުގައި ވިޔަސް، އޭގެ ސަބަބުން އަހަރެމެންގެ ހުރި އެއްޗެއް ހަލާކުވެގެން ދިޔައެވެ. އެންމެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، މުޅި އުމުރަށް އަހަރެމެން ކޮންމެ ދުވަހަކުވެސް އުފުލާނެ ނަފްސާނީ ޒަހަމްތަކެއް ލިބުނެވެ.

އިޒްރޭލު ސިފައިން ގާޒާ ސިޓީގެ ޝުޖާޔާ ސަރަަހައްދުން ދަތުރުކުރަނީ

ނިމުމެއް ނެތް ހިތްދަތިކަމުގެ ހަފުތާއެއް

އަހަރެމެންގެ ޒަހަމްތައް ސާފުކޮށް ހަލާކުވި ތަންތަނުގައި އަވަށްޓެރިން ބޭސް އެޅިއެވެ. ނަމަވެސް ހަށިގަނޑަށް މިހާރު ލިބިފައިވާ ވޭނަށް ލުޔެއް ލިބޭނެ އެއްވެސް ފަރުވާއެއް ނެތެވެ.

ބޮމުގެ ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލްތަކަށާއި މެޑިކަލް ފެސިލިޓީތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެކަށީގެންވާ ސިއްހީ ވަސީލަތްތައް ނުލިބުމުގެ ސަބަބުން ޒަހަމްވި މީހުންގެ ތެރެއިން ގިނަ ބައެއްގެ ޒަހަމްތަކުގައި އިންފެކްޝަން އުފެދިގެން ވަނީ މަރުވެފައެވެ.

އިޒްރޭލުން ދީފާނެ ހަމަލާއަކާ ހެދީ ގާޒާގެ އުތުރުގެ އެއްވެސް ތަނަކަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ގާޒާގެ އުތުރު ދޫކޮށް ދިއުމަށް އިޒްރޭލުން އަންގާފައިވީ ނަމަވެސް، މިތަނަކީ އެތައް ސަތޭކަ ހާސް އާންމުން ދިރިއުޅޭ ސަރަހައްދެކެވެ. އެ އެންމެންވެސް ކޮންމެ ދުވަހަކު މި ނުރައްކާތަކާ ކުރިމަތިލާން ޖެހެއެވެ.

ހަ ދުވަސް ވަންދެން އަހަރެމެން އުންމީދު ކުރަމުން ދިޔައީ ގޭގެ ހަލާކުވެފައިވާ ކުނިތަކުގެ ތެރެއިން ތަދު ކަނޑުވާ ބޭހެއް ފެނޭތޯއެވެ. ނުވަތަ އެންމެ ކުޑަމިނުން އަހަރެމެންނަށް ނިދާލެވޭނެ ގޮތެއް ފަހިވާނެ ބޭހެއް ހޯދޭތޯއެވެ.

އެއްވެސް އެއްޗެއް ނެތެވެ.

ބޮމުގެ ހަމަލާއިން ސަލާމަތްވުމަކީ ނަސީބެއް ކަމަށް އަހަރެމެން ގާތު މީހުން ބުނަމުން ދިޔައެވެ. އެއީ ތެދެއް ކަމުގައި ވިޔަސް، ރޭގަނޑުގެ ވަގުތުތަކުގައި ލިބޭ ހިތްހަމަޖެހުން ވަރަށް ކުޑައެވެ. ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކުގެ ވޭން ބަޔާންނުކުރެވޭ ވަރުގެ ވެ، ނިދި ނުވަތަ އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ.

އިންފެކްޝަނަކީ އަބަދުވެސް ކަންބޮޑުވާ ކަމެކެވެ. ޒަހަމްތައް ނުބައިވެދާނެ ކަމުގެ ނިޝާނެއް ފެންނަ ކޮންމެ ފަހަރަކު ސާފުކުރަން ޖެހެނީ ވަރަށް ހޫނު ފެނުންނެވެ. ފެން ހޫނުކަމުން ޒަހަމްގެ ވަށައިގެންވާ ދުޅަހެޔޮ ހަންގަނޑު އަނދައިގެންދާ ފަދައެވެ. ދަރިފުޅު ރާފިކް އަށް ލިބުނު ޒަހަމްތައް ސާފުކުރާ ކޮންމެ ފަހަރަކު ވަރަށް ހިތްދަތިވެއެވެ. އަހަރެމެން މިއުޅެނީ އޭނާ ފިއްސާލަން ނޫންކަމަށް ބަޔާންކޮށްދޭން ވަރަށް އުނދަގުލެވެ.

ބިރުވެރިކަމެއްގެ ތެރޭގައި ފިލައިގެން ދިއުން

ހަފުތާއެއް ފާއިތުވެގެން ދިޔައިރު، ސިއްހަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އަންނަން ފެށިއެވެ. ނަމަވެސް ބޮމުގެ ހަމަލާތަކަށް އެއްވެސް މަޑުޖެހުމެއް ނާދެއެވެ.

ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު، އަޅުގަނޑުމެންގެ އަވަށަށް އިޒްރޭލުން ވަރަށް ބޮޑު ހަމަލާއެއް ދިނެވެ. އަހަރެމެންގެ އަވަށްޓެރިން މަރުވަމުން ދިޔަ މިންވަރު ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް ދިޔައީ އިތުރުވަމުންނެވެ. މި ހަމަލާގައި ވަރަށް ގިނަ މީހުންނަށް ޒަހަމްތައްވެސް ލިބުނެވެ.

ބޮމުގެ ހަމަލާއަށް ފަހު އިޒްރޭލު ސިފައިން އެ ސަރަހައްދަށް އައުމާއެކު މީހުން އަވަސްވެގަތީ އެތަން ދޫކޮށް ފިލަން ދުވުމަށެވެ. އަހަރެމެންގެ އާއިލާ އިންވެސް ކަންތައް ކުރީ އެހެންނެވެ. ހިތާމައަކީ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ނުކުރެވުމެވެ. އެމީހުން ސަލާމަތް ކުރަން މަޑުކުރުމަކީ އަމިއްލައަށް މަރަށް ހުށަހެޅުން ފަދަ ކަމެކެވެ.

ބިރުގެންފައި ތިބި މީހުންގެ މެދުން އަހަރެމެން ހިނގަމުން ދިޔައިރު، އަހަރެމެންގެ ޒަހަމްތަކަށް ކުރިން ލިބުނު ވޭން އެނބުރި އައެވެ.

އިޒްރޭލުން ގާޒާއަށް ދިން ބޮމުގެ ހަމަލާގައި ޝަހީދުވި މީހުންގެ ގަބުރުތަކަށް ފަލަސްތީނުގެ ކުޑަކުއްޖަކު ބަލަނީ

އަހަރެންގެ އަންހެނުން ފިރިހެން ދަރިފުޅު އުރައިގެން ހުރެ ބުނީ ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (ޔޫ.އެން.އާރް.ޑަބްލިއު.އޭ) އިން ހިންގާ ސްކޫލެއްގައި ހިޔާވަހިކަން ހޯދަން ދިއުމަށެވެ.

އެތަނުގައި ތިބި އެތައް ހާސް މީހުންނަކީ އަހަރެމެން ފަދައިން އިޒްރޭލުގެ ހަމަލާތައް ތަޖުރިބާކޮށް، އެ ހަމަލާތަކުން ރައްކާތެރިކަން ހޯދުމަށް އެތަނުގައި ހިޔާވަހިކަން ހޯދައިގެން ތިބި މީހުންނެވެ.

މިހާރު އަހަރެމެންގެ އަތުގައި ހުރި ޒަރޫރީ ސާމާނުތައްވެސް ވަރަށް މަދެވެ. ކާ އެއްޗިއްސާއި ބޭހެއް ނުލިބެއެވެ.

ރޭގަނޑުގެ ފިނިކަމުން ރައްކާތެރިވާނެ މިންވަރަށް ގޮދަޑިއާއި ބްލޭންކެޓް ވެސް ނެތެވެ. ސާފު ބޯފެނަކީ ލަގްޒަރީ އަކަށް ވާއިރު، ބެކްޓީރިއަލް އިންފެކްޝަނާއި ބަނޑުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ނަމަވެސް ބޯން ލިބެނީ ނުސާފު ފެނެވެ.

ކުޑަކުދިންނާއި މާބަނޑު މީހުންނާއި ޒުވާނުންނާއި އުމުރުން ދުވަސްވީ އެންމެންނަށް ކޮންމެ ދުވަހަކު ކުރަނީ އެއް ޖިހާދެކެވެ: ދިރިހުރުމެވެ.

މި މަދަރުސާގައި ދިރިއުޅުމަކީ މަރުގެ އިންތިޒާރުގައި ދިރިއުޅުމެވެ.

ގެއްލޭނެ އިތުރު އެއްޗެއް ނެތެވެ. ރަހުމަތްތެރިންނާއި ގާތް ތިމާގެ މީހުންނާއި އެކުވެރިންނާއި މުދައްރިސުންނާއި ޑޮކްޓަރުން ގެއްލިއްޖެއެވެ. އަހަރެމެންނަށް ލިބިފައި އޮތް ހުރިހާ އެއް އެއްޗެއްވެސް ނެތިގެން ހިނގައްޖެއެވެ.

މި ހަނގުރާމަ ނިމުމަކަށް އައި ނަމަވެސް، އަހަރެމެންގެ ގެއްލުން އެއްޗެހި އަނބުރާ ހޯދަން އެތައް އަހަރެއް ނަގާނެއެވެ.