ގުޅިފަޅުގައި ތަރައްގީކުރަން ނިންމާފައިވާ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި އެ ބަނދަރު ތަރައްގީ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ތިލަފުށްޓަށް، ގުޅިފަޅުގައި ތަރައްގީކުރަން ނިންމާފައިވާ ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ނިންމީ، އެ ވިޔަފާރި ބަނދަރު ގުޅިފަޅަށް އެކަށީގެން ނުވާތީ ކަމަށެވެ.
އެ ބަނދަރު ވެގެން ދާނީ ބައިނަލްއަގުވާމީ ފެންވަރަށް ފެތޭ، ފުރިހަމަ ވިޔަފާރި ބަނދަރަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކު މާ ބޮޑު ތަފްސީލެއް ވިދާޅެއްނުވެއެވެ.
އެމަނިކުފާނު ވަނީ ތިލަފުށިން ހިއްކާ ބިންތަކާއި އެ ސަރަހައްދުން ހިއްކާ އެހެނިހެން ބިންތަކުގައި ރައްޔިތުން ގެދޮރުވެރި ކުރުވުމަށް ކަނޑައަޅުއްވައި، ސަރުކާރުން އަލަށް އުފައްދާ 'މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން' އަށް ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން ކަނޑައަޅައި، އިގްތިސޯދީ މަސައްކަތްތައް ފަށްޓަވާނެ ކަމަށް އިއުލާން ކުރައްވާފައެވެ.
[100 ހެކްޓަރުގެ ބިން] ކަނޑައަޅައި ދެން އެ ފެށިގެން ދަނީ އިރާދަކުރެއްވިއްޔާ ރާއްޖެ އަށް ބޭނުންވާ ހުރިހާ ބާވަތެއްގެ މެޓީރިއަލްސްތައް، އެއީ ކޮންސްޓްރަކްޝަން މެޓީރިއަލް ކަމުގައި ވިޔަސް، އަދި ކާބޯތަކެތި، ރާއްޖޭގައި އުފެއްދޭ ބާވަތްތަކުގެ، އުފެއްދިދާނެ ބާވަތްތަކުގެ ހުރިހާ ކާބޯތަކެއްޗެއްގެ ބޮޑު އިންސައްތައެއް އުފެއްދުމާއި، މި ހުރިހާ ކަމެއް ހިމެނޭގޮތަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
"އަދި ރީއެކްސްޕޯޓު ކުރުމަށްޓަކައި ވަރަށް މުހިންމު ސްޓްރެޓީޖިކް ލޮކޭޝަނެއް ކަމުގައި ވާތީ، އަޅުގަނޑުމެންނަށް ފަހިވެފައިވާ އެހެން ފުރުސަތުތަކުގެ ބޭނުން ހިފައި، ރީއެކްސްޕޯޓުކުރެވޭ އިންޓަނޭޝަނަލް އެސްއީޒެޑް ޒޯނަކަށް އެތަން ހެދިގެން ދާނެ،"
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް އޭރު ނިންމީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެތަން ގުޅިފަޅަށް ބަދަލުކުރަން ނިންމައި، އަހަރަކު 4 ލައްކަ ކޮންޓެއިނަރު ބޭލޭ ވަރުގެ ބަނދަރެއް ތަރައްގީ ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ފަސް ބިލިއަން ރުފިޔާގެ ލޯނެއް ހޯދާފައި ވެއެވެ.
އެގޮތުން ގުޅިފަޅުގައި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތަށްޓަކައި ބިން ހިއްކުމަށް މިދިޔަ ޖުލައި މަހު ހަވާލުކުރީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް އާ އެވެ.