15 މިނެޓުން ދެވޭ ފ.މަގޫދޫ އެއާޕޯޓު އޮއްވާ އެ އަތޮޅު ނިލަންދޫގައި އެއާޕޯޓު އަޅަނީ ބަޖެޓުގައި އޮތުމުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މުއްތަލިބް މިފައިން ވިދާޅުވީ ފ. ނިލަންދޫ އެއާޕޯޓު އެޅުމުގެ ކުރިން ހަދަންޖެހޭ ސާވޭތަކާއި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދަން އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މުއްތަލިބު ވިދާޅުވީ ނިލަންދޫ ކައިރި 15 ވަރަކަށް މިނެޓު ދުރުގައި އެއާޕޯޓެއް އަޅަމުންދާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތްވެސް ފުދޭ ވަރަކަށް ކުރިއަށް ގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް ނިލަންދޫގައި އެއާޕޯޓެއް އެޅުމަކީ މި އަހަރުގެ ބަޖެޓުގައި ހިމެނިފައި އޮތް މަޝްރޫއެއް ކަމަށާއި ކުރީ ސަރުކާރުތަކުން ވެސް އެކި ގޮތް ގޮތަށް ޕްލޭން ކޮށްފައި އޮތް މަޝްރޫއެއް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ޒޯންތައް ތަރައްގީވަމުން އަންނައިރުގައި އެ ޒޯންތައް ތަރައްގީވެގެން އަންނަ ގޮތާއި ހުރިހާ ކަމަކަށް ބަލާއިރު ވަކި ގޮތަކަށް ކަނޑައެޅިގެން އެއާޕޯޓުތައް ހެދިގެން ދަނީ ރަށާއި އަތޮޅުގެ ރައްޔިތުންނާއި އެހެނިހެންވެސް ކަންތައްތަކަށް ބެލުމަށް ކަމަށެވެ. އަދި އެއާޕޯޓު އޮންނަ ތަންތަން ކަންޑައަޅާ، ޕްލޭންކޮށް ހަދަނީ އާބަން އަދި އިކޮނޮމިކް ޑިވެލޮޕްމެންޓް ޕޮއިންޓް އޮފް ވިއު އަކުން އެކަމާ ގުޅޭ ދާއިރާތަކުން ކަނޑައަޅާފައި ފަރާތްތަކާއި ކައުންސިލްތަކާ ގުޅިގެން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ ބަޖެޓުގައި ހިމެނިފައި އޮންނަ އިންޕްލާސްޓްރަކްޗާ މަޝްރޫއުތައް ހިންގުން ކަމަށާއި އެ މަޝްރޫއަކީ ސަރުކާރުތަކުންވެސް އެކަމުގެ ކުރެހުންތަކާ އެއްޗެހި ހަދާފައިވާ މަޝްރޫއެއް ކަމަށެވެ.

ނިލަންދޫ އެއާޕޯޓްގެ އަމަލީ މަސަައްކަތް ފެށުމުގެ ކުރިން ހަދަން ސާވޭ ތަކާއި އެ މަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭއެއް ހެދުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މުއްތަލިބް ވިދާޅުވީ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލު ކުރިނަމަވެސް އެއަށްވުރެ އަވަހަށް ނިމިއްޖެނަމަ، ކޮންޓްރެކްޓްގައި ސޮއި ކުރެވި އަމަލީ ވީހާވެސް އަވަހަކަށް ފަށާނެ ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށޭނީ އީއައިއޭ ހެދި ފާސްވުމުން ކަމަށާއި ސާވޭ ހެދުމަށްފަހު އެތަނަށް ބޭނުންވާނީ ކިހާ އަދަދެއްގެ ވެއްޔެއްތޯ އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަންޖެހޭ ވަރު އެނގިގެންދާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ ބިން ހިއްކުމާއި އެ ބިން ރައްކާތެރި ކުރުމަށް ބޭނުންވާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް މި އަހަރު ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނިލަންދޫގައި އެއާޕޯޓްއެއް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު ނިމިދިޔަ ސަރުކާރުން ވަނީ އެ ރަށް ކައިރީގައި އޮންނަ ފ. މަގޫދޫގައި އެއާޕޯޓްއެއް އެޅުމުގެ މަސައްކަތް ފަށާފައެވެ. އަދި މިހާރު އެ މަސައްކަތް ވަނީ ނިމުމަކާ ގާތަށް ގޮސްފައެވެ. މަގޫދޫ އެއާޕޯޓްގެ ރަންވޭ 1800 މީޓަރަށް ދިގުކުރުމަށް ނިންމާފައިވާއިރު އެ އެއާޕޯޓް ތަރައްގީ ކުރައްވާނީ ޕްރައިވެޓް ޖެޓްތައް ޕާކުކުރާނެ ޖާގަ ހަދައި، ފްލައިޓްތަކަށް ހިދުމަތް ދިނުމަށް ފިއުލް ފާމެއް ވެސް ހިމެނޭ ގޮތަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.