ފ. ނިލަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓު އެޅުމުގެ ކުރިން ހަދަންޖެހޭ ސާވޭތަކާއި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދަން ހަދަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސް މިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗާ ޑރ. އަބްދުﷲ މުއްތަލިބް ވަނީ ފ. ނިލަންދޫ އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއަކީ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއެއްކަން ފާހަގަ ކުރައްވާފައެވެ. އަދި އެ މަޝްރޫއަށް ހޭދަވާނެ އަގު ކަނޑައެޅޭނީ ސާވޭ ކުރުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ.
އެއާޕޯޓްގެ އަމަލީ މަސަައްކަތް ފެށުމުގެ ކުރިން ހަދަން ސާވޭ ތަކާއި އެ މަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭއެއް ހެދުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މުއްތަލިބް ވިދާޅުވީ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލު ކުރިނަމަވެސް އެއަށްވުރެ އަވަހަށް ނިމިއްޖެނަމަ، ކޮންޓްރެކްޓްގައި ސޮއި ކުރެވި އަމަލީ ވީހާވެސް އަވަހަކަށް ފަށާނެ ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށޭނީ އީއައިއޭ ހެދި ފާސްވުމުން ކަމަށާއި ސާވޭ ހެދުމަށްފަހު އެތަނަށް ބޭނުންވާނީ ކިހާ އަދަދެއްގެ ވެއްޔެއްތޯ އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަންޖެހޭ ވަރު އެނގިގެންދާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މި އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ ބިން ހިއްކުމާއި އެ ބިން ރައްކާތެރި ކުރުމަށް ބޭނުންވާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް މި އަހަރު ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނިލަންދޫގައި އެއާޕޯޓްއެއް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު ނިމިދިޔަ ސަރުކާރުން ވަނީ އެ ރަށް ކައިރީގައި އޮންނަ ފ. މަގޫދޫގައި އެއާޕޯޓްއެއް އެޅުމުގެ މަސައްކަތް ފަށާފައެވެ. އަދި މިހާރު އެ މަސައްކަތް ވަނީ ނިމުމަކާ ގާތަށް ގޮސްފައެވެ.
މަގޫދޫ އެއާޕޯޓްގެ ރަންވޭ 1800 މީޓަރަށް ދިގުކުރުމަށް ނިންމާފައިވާއިރު އެ އެއާޕޯޓް ތަރައްގީ ކުރައްވާނީ ޕްރައިވެޓް ޖެޓްތައް ޕާކުކުރާނެ ޖާގަ ހަދައި، ފްލައިޓްތަކަށް ހިދުމަތް ދިނުމަށް ފިއުލް ފާމެއް ވެސް ހިމެނޭ ގޮތަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.