ވާރޭވެހިގެން ކްރިމިނަލް ކޯޓު އިމާރާތައް ގެއްލުންވެގެން ޝަރީއަތްތައް ކުރިއަށް ނުގެންދެވޭތީ ޕީޖީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މުޅި ރާއްޖެއަށް ކުރި ވިއްސާރާގައި މާލޭގެ ބައެއް އިމާރާތްތަކަށްވެސް ވަނީ ގެއްލުންތަކެއްވެސް ލިބިފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ސީލިންގުން ފެންވަދެ ކޯޓުގެ ސާވާ އެއްކޮށް ހަލާކުވެެފައިވާއިރު ކޯޓުގެ އިންޓަނެޓުގެ ހިދުމަތް މެދުކެނޑި، ކަރަންޓް މައްސަލަތައްވެސް ދިމާވެފައިވާ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

އެއާއެކު ޝަރީއަތްތައް ކެންސަލްކޮށްފައިވާއިރު މިއަދު ޕީޖީއިން ބުނީ ދާދި ފަހުން މާލެއަށް ވެހުނު ބޯ ވާރޭގައި، ކްރިމިނަލް ކޯޓު ހިންގާ އިމާރާތަށް ފެނުގެ އަސަރުކޮށް، ޝަރީއަތްތައް ނުހިންގޭ ވަރަށް އިމާރާތަށް ގެއްލުންވެފައިވާތީ ޝަރީއަތްތައް ހިންގުން މަޑުޖެހިފައިވާ ކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ މައްސަލަ ހައްލުކޮށް، ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނޭ ވަސީލަތްތައް ހަމަޖައްސަވައި ދެއްވުމަކީ ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއެެއް ކަމަށާއި އެޒިންމާ އަދާކޮށް، ކޯޓުގެ ވަސީލަތްތައް ރަނގަޅު ކޮށްދެއްވުމަށް އެ ޕީޖީއިން އިލްތިމާސްކުރެއެވެ.

ޕީޖީއިން ބުނީ ކްރިމިނަލް ކޯޓުގެ އެހީތެރިކަން ލިބިގެން، ރަަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ޝަރީއަތްތައް ހިންގަނީ އާންމު ގޮތެއްގައި ހަފްތާއަކު އެއް ދުވަހު ކަމަށެވެ. އަދި އެހެންކަމުން އެ ދުވަސް ފިޔަވައި އެހެން ދުވަސްދުވަހު ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި މައްސަލަތައް ކުރިއަށް ގެންދެވޭނޭ އިންތިޒާމު ހަމަޖެހިފައިހުރީތީ އެމައްސަލަތައް ބާރަށް ހިންގުމަކީވެސް ޕީޖީގެ އެދުމެއް ކަމަށް ވަނީ ބުނެފައެވެ.