ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރައިމަރީއަކާނުލާ، އެމްޑީޕީ އިން ވާދަކުރުމަށް ޓިކެޓު ލިބޭކަމަށް އާންމު ކޮށްފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަދަލުއަތުވެއްޖެއެވެ.
އެމްޑީޕީ އިން އިއްޔެ ވަނީ އެންމެ މީހަކު ކުރިމަތިލާފައިވާ ދާއިރާތަކުގެ ތެރެއިން، ޕްރައިމަރީ ނުބާއްވާ ޓިކެޓް ލިބޭ 36 މީހުންގެ މައުލޫމާތު އާންމު ކޮށްފައެވެ. އެހެންނަމަވެސް މިއަދު އެ ލިސްޓަށް އިސްލާހު ގެނެސް އެމްޑީޕީ އިން ވަނީ ދެ ބޭފުޅެއްގެ ނަން އުނިކޮށް، އަދި ކެންޑިޑޭޓެއްގެ ނަން ލިސްޓަށް އިތުރުކޮށްފައެވެ.
މިގޮތުން މިއަދު އެމްޑީޕީ އިން އިސްލާހުކޮށް އާންމުކުރި ލިސްޓުގައި 35 މީހުން ހިމެނިފައި ވާއިރު ލިސްޓަށް އިތުރުކޮށްފައި ވަނީ ފޭދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ޓިކެޓް ކަށަވަރުވި އަބްދުﷲ ހަނީފްގެ ނަމެވެ. މި ލިސްޓުން އުނިކޮށްފައިވާ ދެ މީހުންނަކީ ގައްދޫ ދާއިރާގެ ޓިކެޓް ލިބުނު އަހްމަދު ސައީދު މުހައްމަދު (ފެނަކަ ސައީދު) އާއި ގެމަނަފުށި ދާއިރާގެ ޓިކެޓް ލިބުނު އެ ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރު އަހްމަދު ސައީދުގެ ނަމެވެ.
މި ލިސްޓަށް އައި ބަދަލާ ގުޅިގެން އެމްޑީޕީ އިން ބުނީ އެ ދެމީހުންގެ ނަން ލިސްޓުން އުނިކޮށްފައި ވަނީ އެ ދެ ދާއިރާއިން ލިބުނު ޝަކުވާއާ ގުޅިގެން ކަމަށެވެ. އެގޮތުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ އެ ދާއިރާތަކުގެ ދެ ކެންޑިޑޭޓަކު ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެކަން ބަލަމުން އަންނަކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން އެމްޑީޕީއިން ބުނީ އެ މީހުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެއީ ޕާޓީގެ ދަފްތަރުގައި ނެތް މެންބަރުންކަން ފާހަގަ ކުރެވިފައި ވާކަމަށެވެ. އަދި ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް 48 ގަޑިއިރުގެ ވަގުތެއް އެ މީހުންނަށް ދީފައި ވާއިރު މައްސަލަ ނިމުމާއެކު އަނެއްކާވެސް ލިސްޓް އަޕްޑޭޓްވެގެން ދާނެކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
މީގެ ކުރިން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ ޕްރައިމަރީއެއް ބާއްވަން ޖެހޭ ތަންތަނުގައި ޕްރައިމަރީއެއް ބޭއްވުމަށް ގަސްތުކޮށްފައި ވަނީ މި މަހުގެ 26 އަދި 27 ވަނަ ދުވަހަށް ބަހާލައިގެން ކަމަށެވެ.