ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ހާއްސަ"އެންޓި-ކޮރަޕްޝަން އިލެކްޝަން ސްޓްރެޓަޖީ" އާންމުކޮށް އެސްޓްރެޓެޖީއާ އެއްގޮތުގެ މަތިން މަސައްކަތް ފަށައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލާފައިވާ މި ސްޓްރެޓަޖީއަކީ މަޖިލީހުގެ އިންތިހާބުގައި ހިންގާފާނެ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވާ ނަޒާހަތްތެރި އިންތިހާބެއް ބޭއްވުމަށް ބާރުއެޅުމުގެ ގޮތުން އެކުލަވާލާފައިވާ ސްޓްރެޓަޖީއެކެވެ. މި ސްޓްރެޓަޖީގައި އެ ކޮމިޝަނުން ގެންގުޅޭނެ މައިގަނޑު ސިޔާސަތުތައް ވަނީ ކަނޑައަޅާ އެކުލަވާލާފައެވެ.

އަދި މި ސްޓްރެޓެޖީގެ މަގްސަދަކީ އިންތިހާބު ދުވަސްވަރު ހިންގާފާނެ ކޮރަޕްޝަނުގެ އަމަލުތަކަށް ފާރަވެރިވެ އެފަދަ އަމަލުތައް ހިންގުން މަދުކުރުމާއި، އިންތިހާބީ ކޮރަޕްޝަނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ތަހުގީގުކުރުން ހަރުދަނާކުރުމާއި މައްސަލަތައް ބެލުން އަވަސްކުރެވޭނެ މަގު ހޯދުން ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުންވެސް ވޯޓުލުމުގައި ނަޒާހަތްތެރިވުމުގެ މުހިންމުކަމާމެދު ކަމާބެހޭ އެންމެހާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުމުގެ އިތުރުން، އިންތިހާބީ ދުވަސްވަރަށް ތައްޔާރުވުމަށް އެ ކޮމިޝަނުން ކުރަންޖެހޭ އެންމެހާ ކަންކަން ރޭވުންތެރިކަމާއެކު ނަތީޖާ ނެރެވޭގޮތަކަށް ބައްޓަންކުރުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކުރެއެވެ.

އެގޮތުން އެންޓި-ކޮރަޕްޝަން އިލެކްޝަންސް ސްޓްރެޓެޖީގައި މައިގަނޑު 6 ސްޓްރެޓެޖީއެއް ކަނޑައަޅައި އޭގެ ދަށުން 14 ހަރަކާތް ރާވާ ހިންގުމަށް ވަނީ ނިންމާފައެވެ.