އެއްގަމު އުޅަނދުފަހަރަށް ޑޮމެއިން ދޫކުރަން އަލުން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވެފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޑޮމެއިންގެ މައްސަލައަކީ މަގާމާ ހަވާލުވެ ވަޑައިގެންނެވި އިރު ވެސް ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވާ އަމީން ވިދާޅުވީ ނިމިދިޔަ ސަރުކާރުން ޑޮމެއިންގެ ހިދުމަތް ދިނުން ހުއްޓުވާފައިވާ ކަމަށެވެ. "ގާތްގަނޑަކަށް އެބަހުރި 200 ވަރަކަށް ޑޮމެއިންގެ ހިދުމަތަށް އެދިފައި. އެއީ ޑޮމެއިންގެ ވެރި ފަރާތްތަކުން އެދިވަޑައިގެންފައި ހުރި ހިދުމަތް. އެކަމަކު މި ހިދުމަތް މިނިސްޓްރީއަށް ރައީސް އޮފީހުން އަންގައިގެން ކުރީ ސަރުކާރުގައި ހުއްޓާލާފައި އޮތީ،" އަމީން ވިދާޅުވިއެވެ.
އަދި އެ ހިދުމަތް ކުރީގެ ސަރުކާރުން ހުއްޓުވާފައި އޮތް ނަމަވެސް ރަނގަޅު ގޮތުގައި ޑޮމެއިން ނަގާފައިވާ ފަރާތްތަކަށް އެކަމާ ގުޅޭ ހިދުމަތްތައް ލިބެން ޖެހޭނެ ކަމަށާއި އެ ޑޮމެއިންތަކުގެ ސައްހަ ކަން ކަށަވަރު ކުރުމާ މެދު މަޝްވަރާތައް ކުރައްވަމުންދާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ގަވާއިދުގެ ތެރެއިން އާންމުންގެ މައްސަލައެއް ނެތި ދޫކޮށްފައިވާ ޑޮމެއިންތައް ކެންސަލް ނުކުރައްވާނެ ކަމުގެ ޔަގީންކަން އަމީން ވަނީ ދެއްވާފައެވެ.
ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ޑޮމެއިންގެ ހިދުމަތް ފައްޓަވާނެ ކަމަށާއި އެ ހިދުމަތް ދެން ފަށާނީ ޒަމާނަށް ފެތޭ ތަފާތު ކޮންސެޕްޓަކާ އެކީގައި ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
ގަވާއިދާ ހިލާފަށް ޑޮމެއިންތައް ދޫކުރަމުންދާ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިން ވިއްކުން ހުއްޓުވީ މިދިޔަ ސަރުކާރުން ރައީސް އޮފީހުން އަންގައިގެންނެވެ. އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއަށް ރައީސް އޮފީހުން ފޮނުވި އެ ސިޓީގައި ޑޮމެއިން ވިއްކުމާ ގުޅޭ މައްސަލަ ހައްލު ކުރުމަށް ކޮމިޓީއެއް ކަނޑައަޅާފައި ނެތުމުގެ އިތުރުން އާންމުކޮށް އިއުލާން ކުރުމެއް ނެތި ޑޮމެއިން ވިއްކުމާ ގުޅިގެން އެ ހިދުމަތް ދިނުން ހުއްޓާލުމަށް އަންގާފައި ވެއެވެ.