އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތުމަކީ މައްސަލައެއް ނޫންކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

އީސީ ގެ ނައިބު ރައީސް ހަބީބް މިހެން ވިދާޅުވެފައި މިވަނީ އިންތިހާބުގައި ވާދަކުރަ ކެންޑިޑޭޓެއްގެ ސާބިތު ދަރެންޏެއް އޮތްނަމަ އިންތިހާބުގައި ވާދަކުރުމާއި މެދު ވަރަށް ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށެވެ. މި ގޮތުން މިއަދު ހަބީބު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތުމަކީ މައްސަލައެއް ނޫންކަމަށާ މައްސަލައަކަށް ވާނީ، ސާބިތު ދަރަނީގެ ހުކުމްގައި އޮންނަ މުއްދަތަށް، ހުކުމާ އެއްގޮތަށް ފައިސާ ދައްކަވަމުން ނުގެން ދާނަމައެވެ.

އަންނަ ހަފުތާގެ ހޮނިހިރު ދުވަހު މާލޭގެ އާ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާޒިމާ ޝުކޫރު އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނަކަށް ދައްކަން ޖެހޭ 4.16 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން، ހަ މަސް ދުވަހުގެ ތެރޭ އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި ހުކުމާ ގުޅިގެން އާޒިމާ ވިދާޅުވީ އާމްދަނީ ގަވައިދުން ލިބެމުން ދިޔަ ދުވަސްވަރު ލޯނަށްވާ ފައިސާ ދައްކަވަމުން ގެންދެވި ކަމަށާއު ނަމަވެސް ސަރުކާރުން އޭނާގެ މައްޗަށް ކުރި ދައުވާގެ ސަބަބުން އާމްދަނީ ހުރަސް އެޅުނު ކަމަށާއި، އެހެންވެ ލޯނަށް ފައިސާ ނުދެއްކި ދިޔަ ކަމަށެވެ. އަދި އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމުގެ ސަބަބުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައި މި ކުރާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމުގެ ޔަގީންކަން އާޒިމާ ވަނީ ދެއްވާފައެވެ.