ދަރުމަވަންތަ ހޮސްޕިޓަލްއިން ވިލިމާލެއާ މާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފިއެވެ.

ސީއެމްބިއުލާންސް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ދަރުވަންތަހޮސްޕިޓަލްގެ ފަރާތުން ސޮއި ކުރެއްވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމްއެވެ. އަދި ހެލްތް މިނިސްޓްރިގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ.

ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިބްރާހިމް އަބްދުއްރައްޒާގް ވިދާޅުވީ ސީއެމްބިއުލާންސް ބާއްވަން ހަމަޖެހިފައި ވަނީ ވިލިމާލެ ބަނދަރުގައި ކަމަށެވެ. އަދި މި ހިދުމަތް ދެވިގެންދާނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ މެނޭޖްމެންޓްގެ ބެލުމުގެ ދަށުން ކަމަށެވެ.

ވިލިމާލެ ހޮސްޕިޓަލުން އެންމެ އެކަށީގެންވާ ހިދުމަތްތަކެއް ފޯރުކޮށްދެވެމުން ނުދާތީ ސަރުކާރުން ހާއްސަ ސަމާލު ކަމެއް ދީގެން ވިލިމާލެ ހޮސްޕިޓަލްގެ ސިއްހީ ކަންކަން ފުރިހަމަ ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަން އިބްރާހިމް އަބްދުއްރައްޒާގް ފާހަގަ ކުރެއްވިއެވެ. އެގޮތުން ވިލިމާލެ ހޮސްޕިޓަލް ތަރައްގީ ކުރަމުންދާ ކަމާއި ވިލިމާލެއާއި މާލެއާ ގުޅުވައިދޭ ބްރިޖްގެ މަޝްރޫއު ނިމެންދެން، ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ސީ އެމްބިއުލާންސްގެ ހިދުމަތް ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލްގެ ހާލަތު ބައްލަވާލެއްވުމަށް ޒިޔާރަތްކުރެއްވުމުން އެންމެ ފުރަތަމަ ވެސް އިވިލެއްވީ އެމަޖެންސީގައި ބަލި މީހުން މާލެ ގެންދިއުމަށް އުނދަގޫތަކެއް ހުރި ކަމުގެ ވާހަކަ ކަމަށެވެ. އަދި މިއަދު ފެށިގެންދާ ހިދުމަތާއެކު އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ވިލިމާލެއާ މާލެއާ ދޭތެރޭ ދަތުރު ކުރުމަށް ލިބިފައިވާ ސީ އެމްބިއުލާންސްއަކީ މިހާރު ސީ އެންބިއުލާންސްގެ ގޮތުގައި ރާއްޖޭގައި ބޭނުން ކުރާ ލޯންޗުފަހަރަށްވުރެ ރަނގަޅު ބޮޑު ހިދުމަތް ތަނަވަސް ލޯންޗެއް ކަމަށް ހަލީލް ވިދާޅުވިއެވެ. އަދި މި ހިދުމަތް އިތުރަށް ފުޅާ ކުރުމަށްޓަކައި އެ ލޯންޗުގައި އިތުުރު މެޑިކަލް އާލާތްތަކެއް ހަރުކުރަން ޖެހޭނަމަ، އެކަން ވެސް ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަލީލް ވިދާޅުވީ އަމާޒަކީ މިއަދަށްވުރެ މާދަމާ ދެވޭ ހިދުމަތްތައް ފުރިހަމަ ކުރުން ކަމަށެވެ. އަދި ރައީސް މުއިއްޒު ވިދާޅުވި ފަދައިން މެދުނުކެނޑި 24 ގަޑިއިރު ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.