ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދީ މަޖިލީހުގެ ނަން ހަޑިކޮށްލާފައިވާކަމަށާ މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ވެސް ވަޒީރުންނަށް ރުހުން ނުދީ ދިގު ދަންމާލި ފުރަތަމަ ފަހަރުކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ ޝުކުރުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކެބިނެޓަށް ރުހުން ނުދީ ހިފަހައްޓާފައިވަނީ ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ. އެއްވެސް އިރެއްގައި، އަދި އެއްވެސް ސަރުކާރެއްގައި ކެބިނެޓުގެ ވަޒީރުންނަށް ރުހުން ނުދީ ހިފަހައްޓާފައިނުވާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ތަރައްގީގެ ވިސްނުމާ ދުރު ބަޔަކަށް ފުރުސަތު ދީފި ނަމަ ސަރުކާރުން ގެންގުޅޭ ތަރައްގީގެ ކަންކަން ފަހަތަށް ސޮއްސައިލާނެ ކަމަށެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ މިހާރު މޭޔަރު ކަމަށް ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ސަރުކާރުގެ ތަސައްވުރު ގަބޫލުކޮށް، އެ ކަންކަން ކޮންމެހެން ވެސް ތަންފީޒު ކުރަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓު ދޭއިރު ވިސްނަން ވާނީ ސަރުކާރާ ދެކޮޅު ވިސްނުން ހުރި ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށްކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ އިދިކޮޅު ކެންޑިޑޭޓުންގެ ސަބަބުން ގައުމުގެ ތަރައްގީ ހުއްޓިގެން ދިޔުމަށް ފުރުސަތު ނުދެއްވުމަށް ގޮވާލައްވާފައެވެ.

މި ސަރުކާރާ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވުރައިގެން ކުރިޔަށް ދިޔުމަށް އާޒިމާއަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެން ނައިބު ރައީސް ވަނީ އެ މަނިކުފާނުގެ ތަރައްގީގެ ތަސައްވަރާ އެއްގޮތަށް ކުރިއަށްދާނެ ކެންޑިޑޭޓަކަށް ވޯޓު ދިނުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައެވެ.