މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތައް ބިސްތަކެއް ތެޅި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ މިސްކިތުގެ ތެރެއަށް ބިސް ތަޅާފައިވާ ކަމުގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު ކަމަށާއި އެ އަމަލު ހިންގި މީހާ ކަމަށް ތުހުމަތު ކުރެވޭ މީހާ މިހާރު ދެނެގަނެފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަަށް ފުލުހުން ބުނެފައި ވެއެވެ.
އެ މިސްކިތައް ބިސް ޖަހާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. ފެންނަ ފެނުމަށް 2-3 ބިސް ވަނީ މިސްކިތުގެ ތަޅުމުގެ މައްޗަށް ތަޅާލާފައެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އެ މައްސަލަ ފުލުހަށް ހުށަހެޅީ މާލޭގެ މިސްކިތްތައް ބަލަހައްޓާ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކަމަށެވެ. މިސްކިއްތަކަށް ވަދެ ބޭއަދަބީ އަމަލުތައް ހިންގާ މައްސަލަތައް ވަނީ އާންމުވެފައެވެ.
އެގޮތުން ހުސްވި އަހަރުވެސް ވ. ކެޔޮދޫ މިސްކިތުގެ މައި ދޮރާށީގެ ބިއްލޫރިގަނޑު ތަޅާލައި ގުރުއާން މުސްހަފުތައް ވީދާލި މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އަދި އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.