ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ޒަކާތު ހައުސް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވައިފިއެވެ.

ޒަކާތު ހައުސް އުފެއްދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދުފުޅެކެވެ.

ޒަކާތު ހައުސް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ފަންޑު އުފެއްދުމަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން 3 ވަނަ ރުކުން މަތިވެރިކޮށް ނެގެހެއްޓުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރެއްވި ބޭފުޅުންގެ ތެރެއިން އެ ބޭފުޅެއްގެ ރިޔާސީ މެނިފެސްޓޯގައި ޒަކާތުގެ ވާހަކަ ލިޔުއްވާ އެކަން ހަގީގަތަކަށް ހެއްދެވި ހަމައެކަނި ރައީސްއަކީ ރައީސް މުއިއްޒުކަން ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ޒަކާތަކީ އިސްލާމްދީނުގައި ނުހަނު މަތިވެރި މަގާމެއް ދެއްވާފައިވާ ރުކުނެއް ކަމަށާއި ގުރުއާނުގައި އެތައް މަގާމެއްގައި ޒަކާތުގެ ވާހަކަ ބަޔާންކުރައްވާފައިވާކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.

ޒަކާތު ހައުސް އުފެއްދުމުގެ އަމާޒަކީ ދިވެހިރާއްޖޭގައި ޒަކާތަށް މީހުން ހޭލުންތެރިކަން އިތުރު ކުރުމާއި ޒަކާތާ ބެހޭ އިލްމީ ދިރާސާ ކުރުން ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ޒަކާތުން ބައެއް ހަމަތަކުގެ މަތިން އިސްތިސްމާރު ކުރުމާއި ޒަކާތުގެ ހުކުމްތައް ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ނެގެހެއްޓުމަށްޓަކައި ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް އިލްތިމާސް ކުރައްވަނީ ގައުމުގެ ގައުމީ ސިފަތަށް އިޔާދަކޮށް، ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރުމަށް ކަމަށެވެ. އަދި އެއްބައިވަންތަކަމުގެ ސަފުތައް ބަދަހިކޮށް ގައުމުން ބަދަލު ހިފުމާއި ހަސަދަވެރިކަން ނެތިކޮށްލުމަށް ކުރާ މަސައްކަތުގައި މުޅި ގައުމު އެކަތި ގަނޑަކަށްވުމަށް ކަމަށެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފައިވަނީ މިިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގުމަށް ހަމަޖެހިފައިވާ އިދާރާއެކެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.