ފަލަސްތީނުގެ ގާޒާގެ ރެފިއުޖީ ކޭމްޕްތަކުގައި މޯބައިލް ފާހާނާތަކެއް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އަދި ބައެއް ސަރަހައްދުތަކުގައި މިހާރުވެސް ފާހާނާތައް ބެހެއްޓިފައިވާކަަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން ބުނެފިއެވެ.

ހައްދުފަހަނަޅާފައިވާ އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކުގައި އެތައް ބައެއްގެ ގެދޮރު ގެއްލި ރަފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުން އަންނައިރު، އެމީހުންނަށް ޒާރޫރީ ބޭނުންތައް ފުއްދުމުގައިވެސް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން، ގާޒާގައި ގެދޮރު ގެއްލި ރެފިއުޖީ ކޭމްޕްތަކުގައި ދަތި ހާލުގައި އުޅެމުންދާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ދިވެހިންގެ އެހީ އާއި އެކު ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

މިގޮތުން ރެފުއުޖީ ކޭމްޕްތަކުގައި އުޅޭ ރައްޔިތުންގެ ސިއްހީ ސަލާމަތާ ރައްކާތެރިކަމަށް، މޯބައިލް ފާހާނާތައް ބެހެއްޓުމުގެ މަސައްކަތްކުރަމުން އަންނައިރު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން ބުނީ މި ފާހާނާތައް ނިމުމުން ރެފިއުޖީ ކެމްޕުތަކުގައި އުޅެމުންދާ ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަތައް ލިބިގެން ދާނެކަމަށެވެ.

އިޒްރޭލުން މިދިޔަ އަހަރު އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނަށް ދެމުން ދާ ހަމަލާތަކުގައި 22،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އިޒްރޭލުން އަންނަނީ ރެފިއުޖީ ކެމްޕްތަކަަށް އަމާޒުކޮށްވެސް ހަމަލާތައް ދެމުންނެވެ.