މިދިޔަ ނޮވެންބަރު މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 131 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފިއެވެ.
އެ މިނިސްޓްރީގެ ނޮވެންބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ މަހު ޖުމްލަ 302 މައްސަލައެއް ހުށަހަޅާފައިވާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އަދި އެ މައްސަލަތަކުގެ ތެރެއިންވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތައް ކަމަށްވާއިރު އެ ބާވަތުގެ 16 މައްސަލައެއް ހިމެނޭ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ./
އެ މަހުގެ ތެރޭގައި އިހުމާލުގެ 23 މައްސަލަ އާއި ޖިސްމާނީ އަނިޔާގެ 20 މައްސަލައަކާއި ނަފްސާނީ އަނިޔާގެ 15 މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން ބުލީ ލިބުމުގެ 5 މައްސަލަ ހިމެނެއެވެ. އަދި ބްލެކްމެއިލް ކުރުމުގެ 3 މައްސަލައަކާއި ކުޑަކުދިންނަށް ޖިންސީ ކުރުމުގެ 1 މައްސަލައަކާއި އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ކުރުމުގެ 1 މައްސަލައަކާއި ކުދިން ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލައެއް ވެސް އެ މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
ޖެންޑާ މިނިސްޓްރީއިން ބުނީ އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ބުލީ ލިބުމުގެ 1 މައްސަލަ ވެސް ހިމެނޭ ކަމަށެވެ. އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލައަކާއި އާއިލީ މައްސަލަތަކާއި ގުޅުންހުރި 30 މައްސަލަ އެއްވެސް މިދިޔަ މަހުގެ ތެރޭގައި އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 45 މައްސަލައަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލައަކާއި ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކާއި ގުޅިގެން 3 މައްސަލައަކާއި ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި 22 މައްސަލައެއްވެސް މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
ޖެންޑާ މިނިސްޓްރީއިން ބުނީ ކުޑަކުދިންގެ ހައްގުތަކާއި ގުޅުންހުރި މައްސަލަތަކުގެ ތެރޭގައި ކުދިންނަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ 3 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.