އިސްލާމިކް މިނިސްޓްރީން ފެށި "ޒުވާން ހަތީބު" ޕްރޮގުރާމުގެ ދަށުން ހުތުބާ ކިޔުމުގެ ހުއްދައަށް އެދި 100 ޒުވާނުން ކުރިމަތިލާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގްރޭޑް 10, 11، 12 ގައި ކިޔަވާ ދަރިވަރުންނާއި ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

މިއަދު މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ ހުތުބާ ކިޔުމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުން އަންނަ ހަފްތާތެރޭގައި ކުރިއަށް ގެންދާނެކަމަށެވެ. އަދި އެ ފަރާތްތަކަށް ފިގްހީ ތަމްރީނުތައް ދީ، ކުރިއަށް އޮތް ރޯދައިގެ ކުރިއަށް އެ ހުރިހާ ކަމެއް ނިންމާނެކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވަނީ "ޒުވާން ހަތީބު" މަޝްރޫއު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތްވެސް ހިއްސާކުރައްވާފައެވެ. މި ގޮތުން ޑރ. ޝަހީމް ވިދާޅުވީ ހުތުބާ ކިޔުމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހެޅުމުން، އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ ހާޒިރުކޮށްގެންކަމަށެވެ. އަދި މާލެ ސަރަހައްދުން ބޭރުން ނަމަ އޮންލައިންކޮށް ކަމަށެވެ.

މި ގޮތުން އިންޓަވައުގައި ގުރްއާން ކިޔެވުން އަޑުއެހުމުގެ އިތުރުން، އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ހުތުބާތަކުން އެ ޒުވާނަކު އިހްތިޔާރުކުރާ ހުތުބާއެއް ކިޔުން އޮންނާނެއެވެ. އަދި މި އިންޓަވިއުއަށް ފަހު ހުއްދަ ދެވޭ ފަރާތްތަކަށް އިމާމުކަމުގެ ހާއްސަ ތަމްރީނެއް ދެވޭނެކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ޒުވާނުންނަށް އެ ތަމްރީނު ކުރިއަށްދާނީ މާލޭގައި ކަަމަށާ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ތިބި ޒުވާނުން ނަމަ، އެ ސަރަހައްދުތަކެއްގައި އެ ތަމްރީނު ކުރިއަށް ގެންދާނެކަމަށެވެ.