މިއަދު ފެށިގެންދިޔަ އާ އަހަރަކީ އިވޭ އަޑުތަކާއި، ލިބޭ މައުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މީލާދީ އާ އަހަރުގެ މުނާސަބަތުގައި ފޮނުއްވެވި ހިތޯބުގައެވެ. ތަރައްގީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުމަކީ މުހިންމު ދެ ކަމެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމުގެ އިތުރުން އިވޭ އަޑުތަކާއި، ލިބޭ މައުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުން މުހިންމު ކަމަށެވެ.

ހަމައެހެންމެ ފާއިތުވި އަހަރަކީ ދިވެހިން ވަރަށް މުހިންމު ނިންމުންތަކެއް ނިންމި އަހަރެއްގެ އިތުރުން އެއީ ބޭރުގެ އެއްވެސް އަސްކަރީ ބާރެއް އޮވެގެންނުވާނެކަން ދިވެހީން ނިންމި އަހަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތައް ހާސިލުކުރާ ފަދަ ކުރިއެރުމާއި ތަހުޒީބާއި ތަރައްގީ ބޭނުންކަމަށް ދިވެހިން ނިންމި ކަމަށާއި އެ ކަމަށްޓަކައި ފިކުރީ ގޮތުން ޖީލުތައް އިސްލާމީ، ދިވެހި ގައުމީ ސިފަތަކާއެކު ބިނާކުރުމަށް ދިވެހިން އެއްބަސްވި ކަމަށް އެމަނިކުފާނުގެ ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ، ތަރައްގީގެ ވަރަށް ހާއްސަ މޫސުމެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިއީ ސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވައުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ތަރައްގީ ފެށިގެން އަންނަންވާނީ ތިރިން މައްޗަށެވެ. ތަރައްޤީގެ ވިސްނުންތައް އުފަންވާންވާނީ ރައްޔިތުންގެ ސިކުނޑިތަކުގައެވެ. އެ ރައްޔިތުން އެކަމުގެ މަސްއޫލިއްޔަތު ހަވާލުކުރާ ފަރާތްތަކުގެ ވާޖިބަކަށް ވާންވާނީ، މާތް ﷲއަށް ބިރުވެތިވެ، ތެދުވެރިކަމާއި ވަފާތެރިކަމާއެކު، އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމެވެ." ރައިސްގެ ހިތޯބުގައި ވެއެވެ.