ރަތްކަނޑުގައި ދަތުރުކުރާ މުދާ އުފުލާ ބޯޓު ފަހަރަށް ހޫތީން ދޭ ހަމަލާތަކާ ހުރެ އޮޕަރޭޝަންތަކަށް ބުރޫއަރާފައި ވަނިކޮށް މައެސްކް ގެ ބޯޓަކަށް ހަމަލާދޭން އުޅުނު ހޫތީންގެ 3 ބޯޓެއް އެމެރިކާއިން ފައްތާލައިފިއެވެ.
އެމެރިކާގެ އޮފިޝަލުން ބުނީ, ހޫތީންގެ ތިން ބޯޓަކުން މައެސްކް ކުންފުނީގެ ބޯޓަކަށް ހަމަލާ އަމާޒު ކުރި ކަމަށާއި ނަމަވެސް އެ ހަމަލާ ނާކިޔާބު ކޮށްލައި ހަމަލާ ދިނުމުގައި ބައިވެރިވި 3 ބޯޓު ފައްތާލެވިފައި ވާ ކަމަށެވެ.
މިހާދިސާ އާ ގުޅިގެން މައެއްސް އިން ބުނީ, ރަތް ކަނޑުގައި އެމެރިކާގެ ކޯލިޝަނުން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް ބޯޓުތަކަށް ރައްކާތެރިކަން ޔަގީން ނުކުރެވޭ ކަމަށާއި އެހެން ކަމުން 48 ގަޑި އިރަށް ދަތުރުތައް ހުއްޓާލާ ކަމަށެވެ.
މިއީ ހޫތީން 24 ގަޑިއިރުގެ ތެރޭގައި މައެސްކް ބޯޓަކަށް ހަމަލާދޭން މަސައްކަތް ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިންވެސް ހޫތީން ވަނީ އެ ކުންފުނީގެ ބޯޓަކަށް ހަމަލާ ދީފައެވެ. އެފަހަރު ބޯޓަށް ގެއްލުންތަކެއް ވެފައި ވީ ނަމަވެސް ހޫތީންނަށް ބޯޓު އަތުލެވިފައެއް ނުވެއެވެ.
ޑިސެމްބަރު 19 ގައި އެމެރިކާ އާއި އިތުރު ގައުމުތައް ގުޅިގެން ރަތް ކަނޑު ބަލަހައްޓަން ކޯލިޝަން ހެދުމާ ހަމައަށް ހޫތީން ވަނީ ކާމިޔާބު ގިނަ ހަމަލާތަކެއް ދީ ބައެއް ބޯޓުތައް އަތުލައި ބޯޓުގެ ފަޅުވެރިންނާއެކު ރަހީނުކޮށްގެން ބޯޓު ހޫތީންގެ ކޮންޓްރޯލަށް ގެންގޮސްފައެވެ. އެފަދަ ގިނަ ބޯޓުތަކަކީ އިޒްރޭލަށް މުދަލާއި, ތެލާއި ގުދުރަތީ ގޭސް އުފުލާ ބޯޓުތައް ކަމަށް ހޫތީން ބުނެއެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފަށާފައިވާ އުދުވާނުގައި އެއްގަމާއި ވަޔާއި ކަނޑުމަދުން ދޭ ހަމަލާތަކުގެ އިތުރުން ކާބޯޓަކެއްޗާއި ބޭހާއި ބޯފެން ނުދީ ހިފައްހައްޓާތީ ހޫތީން ވަނީ ރުޅިގަދަވެފައެވެ. ރަތްކަނޑުގެ ބޯޓުތަކަށް ހަމަލާ ދޭން ފެށީ ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ޖައްސަމުން ގެންދާ ދުއްތުރައާއި ހިތަމުން ދާ އިހާނެތި ކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެގޮތުން އިޒްރޭލަށް ނިސްބަތް ވިޔަސް އަދި އިޒްރޭލަށް ދަތުރު ކުރިޔަސް, ރަތް ކަނޑު ދަތުރު ކުރާ ކޮންމެ ބޯޓަކަށް ހަމަލާދޭނެ ކަމަށް ހޫތީން އިންޒާރު ދިނެވެ.
ހޫތީން މައިތިރި ކުރުމުގައި އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނަށް މާ ބޯޑު ކާމިޔާބީއެއް ލިބެމުން ނުދާ އިރު, ހޫތީން ގެންދަނީ އެކިއެކި ބޯޓުތަކަށް އަމާޒު ކޮށް ޑްރޯން ހަމަލާތައް ދެމުންނެވެ.