މި ފެށޭ އާ އަހަރަށް ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ލަނޑުދަނޑިތަކެއް ހާސިލް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމުން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރަޝިއާ/ޔޫކްރޭން ހަނގުރާމަ އާއިި ގާޒާގައި ހިންގަމުންދާ ގަތުލު އާންމާއި ގުޅިގެން ދަތުރު ކުރުމުގައި ގޮތް ނުނިންމާ ފަތުރުވެރިންގެ އަދަދު ގިނަ ނަމަވެސް އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ.

އަދި އިތުރު މާކެޓުތަކަށް ރާއްޖެ އިޝްތިހާރު ކުރެވޭނީ ބަޖެޓް އިތުރުކޮށްގެން ކަމުން އެ މަސައްކަތް ކުރަމުންދާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ގިނަ ބަޔަކު އެބަތިބި ދަތުރުކުރުމަށް ދެ ފިކުރެއްގައި. ގޮތް ނުނިންމި. ހަނގުރާމައިގެ ސަބަބުން އަޅުގަނޑުމެންނަށް ފަތުރުވެރިން އިތުރު ކުރުމަށް ދަތިތަކެއް ކުރިމަތިވޭ. އެކަމަކު އަޅުގަނޑުމެންނަށް އެ ފަތުރުވެރިން އިތުރު ކުރެވެން އެބައޮތް މާކެޓިން ރަނގަޅުކޮށްގެން. އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތުން ފަތުރުވެރިން އަންނަ އަދަދު އިތުރުކުރެވޭނެ ކަމަށް.
އިބްރާހިމް ފައިސަލް

ކޮވިޑް19ގެ ކުރިން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ އެއް ގައުމަކީ ޗައިނާ ނަމަވެސް ކޮވިޑްއަށް ފަހު ޗައިނާގެ މާކެޓް ދަށްވެފައިވާ ކަން ފާހަގަ ކުރައްވާ ފައިސަލް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަވަމުން އަންނަ ކަމަށާއި އުއްމީދު ކުރައްވަނީ ޗައިނާއިން މީގެ ކުރިން ފަތުރުވެރިން ރާޢްޖެ އަންނަ ވަރަށް ކުރިއަށް އޮތްތަނުގައި އިތުރުންވުން ކަމަށެވެ.

އަދި ހަމައެހެންމެ ފަތުރުވެރިކަން ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ގުޅިގެން ތަރައްގީ ނުކޮށް 63 ރަށެއް އެބަ އޮތް ކަމަށާއި މިރަށްތަކަށް އިންވެސްޓްކޮށްފައިވާ އިންވެސްޓަރުންނާއި މަޝްވަރާކުރައްވައިގެން އަވަހަށް މާކެޓަށް ނެރެވޭނެ ގޮތްތައް ބައްލަވަމުންދާ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

އަދި އަމާޒަކީ އަންނަ އަހަރުތެރޭ 12 ނުވަތަ 15 ރިސޯޓް އަލަށް ހުޅުވުންކަމަށެވެ. މިއަދަދަށް އެނދު ނެރެވިއްޖެނަމަ އެއީ 1000 އެނދުގެ އިތުރުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.