ސްރީލަންކާގެ ކެންޑީގައި ކުރިޔަށްދިޔަ އެ ގައުމުގެ ނެޝަނަލް އަދި ނޭޝަނަލް ޖޫނިއާ ފެތުމުގެ މުބާރާތުގައި ބައިވެރިވި ދިވެހި ފެތުމުގެ ޓީމު ޖުމްލަ 15 މެޑަލް އާއެކު ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ، މިމަހު 26 އިން 30އަށް ކެންޑީގެ ފިނި މާހައުލުގައި ގަދަ ވިއްސާރައިގެ ތެރޭގައި ކުރިޔަށްދިޔަ މިމުބާރާތުގައި ދިވެހި ފެތުންތެރިން 1 ރަން މެޑަލް އާއި 6 ރިހި މެޑަލް އަދި 8 ލޯ މެޑަލް ހޯދާފައިވާ ކަމަށެވެ.

ރަން މެޑަލް ހޯދާފައިވަ 1100 މީޓަރު ބަޓަފްލައި ގައި ވާދަކޮށް މެރާލް އައިން ލަތީފު ހޯދާފައިވާއިރު އޭނާ ވަނީ ރަން މެޑަލްގެ އިތުރުން 50 މީޓަރު ބަޓަފްލައި ރޭހުން ރިހި މެޑަލް އަދި 100 މީޓަރު ފްރީސްޓައިލް ރޭހުން ލޯ މެޑަލް ހޯދާފައި ކަމަށް އެއެސޯސިއޭޝަން އިން ވަނީ ބުނެފައެވެ.

ލަންކާގެ ކެންޑީ ހިލްވުޑް ކޮލެޖް ސްވިމިން ރޫމުގައި ކުރިޔަށް ދިޔަ މިމުބާރާތުގައި ރާއްޖޭގެ ރިލޭ ޓީމުތައް ސްރީލަންކާގެ ފެތުންތެރިން ހިމެނޭ ޓީމުތަކާ ވާދަކޮށް އަޖައއިބުކުރުވަނިވި ނަތީޖާތައް ހޯދާފައިވާއިރު މުބާރާތުގެ ފުރަތަމަ ދުވަހުގައި ޖޫނިއާ ފިރިހެން ޓީމުން ރިހި މެޑަލް ހޯދާފައެވެ. އަދި ލަންކާގެ ޓީމުތައް ފަހަތަށް ޖައްސާ ރާއްޖޭގެ ސީނިއާ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ.

މުބަރާތުގެ ދެވަނަ ދުވަހު ރާއްޖޭގެ ޖޫނިއާ ފިރިހެން ޓީމުން ރިހި މެޑަލް ހޯދުމުގެ އިތުރުން ސީނިއާ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. މުބާރާތުގެ ތިން ވަނަ ދުވަހު ދިވެހި ސީނިއާ ޓީމުން ލޯ މެޑަލް ހޯދާފައިވާއިރު ހަތަރު ވަނަ ދުވަހު ޖޫނިއާ ފިރިހެން ޓީމުން އަދި ސީނިއާ ޓީމުން ވަނީ ރިހި މެޑަލް ހޯދާފައެވެ.

މުބާރާތުގެ އެންމެ ފަހު ދުވަހު ރާއްޖޭގެ ޖޫނިއާ އަންހެން ޓީމުން ރިހި މެޑަލް ހޯދާފައިވާއިރު ސީނިއާ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. ރާއްޖޭގެ ސީނިއާ ފިރިހެން ޓީމުން ވަނީ މުބާރާތުގައި ވާދަކުރި 2 ވަނަ ޓީމުގެ ގޮތުގައި ހޮވާފައި ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ.

މުމުބާރާތުގައި ޖުމްލަ ދިވެހި 25 ފެތުންތެރިން ވާދަކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ލަންކާގެ އެކި ކުލަބުތަކާ ކޮލެޖުތަކުން ޖުމްލަ 49 ޓީމަކުން ބައިވެރިވެފައިވާ ކަމަށް ސްވިމިން އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.