"ހުސް މައްސަލަ، މައްސަލައިން ފުނި ޖެހިފަ އޮތް ތަނެއް މާލެ އަކީ،"
'ދަ ޕްރެސް' އަށް މި ފަހުން ދެއްވި އިންޓަވިއު ފަށްޓަވަމުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް، މާލެ އަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ކުރުކޮށް ވިދާޅުވީ މިހެންނެވެ.
ވެރިކަންކުރާ މާލެ އަކީ މައްސަލަތަކުން ފުނި ޖެހި، އަދިވެސް މައްސަލަތައް ހައްލުކުރެވިފައިވާ ތަނެއް ނޫނެވެ. ކުނި ބަރާބަރަށް އުކާނުލެވި މަގުތަށް ހަޑިކޮށް އޮތުމާއި، ބުޅަލަށް އަނިޔާކުރާ މައްސަލައާއި، އަމިއްލަ ގެދޮރެއް ނެތި މާލޭ މީހުން އަމިއްލަ ރަށުގައި އުޅެން ޖެހުމާއި، އުޅަނދުފަހަރު އިތުރުވުމުގެ ސަބަބުން ޕާކުކުރާނެ ޖާގައެއް ނެތުމާއި، މަގުމަތީގައި ހަމަޖެހިލައިގެން ހިނގާބިނގާވެ އުޅުމަށް ދަތިވުން، މިއީ މާލޭގައި ހުރި މައްސަލަތަކުގެ ތެރެއިން 'ކޯވަރެއްގެ' މިންވަރެކެވެ.
"އަޅުގަނޑު މި އަންނަނީ އިރާދަކުރެއްވިއްޔާ ބަހުގެ ނިޒާމް ތަރައްގީކުރި ގޮތަށް އެޔަށް ވުރެ ވެސް ފުރިހަމަކޮށް އަޅުގަނޑު މި ބުނި މައްސަލަތަކަށް ހައްލު ހޯދައިދޭން،" މީގެ ކުރިން އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އާޒިމް ވިދާޅުވިއެވެ.
އާޒިމް ގަބޫލުކުރައްވާ ގޮތުގައި، ހިންގުމުގެ 30 އަހަރުގެ ތަޖުރިބާގެ އަލީގައި މާލޭގެ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވޭނެއެވެ. މި މައްސަލަތައް ހައްލު ވާނީ، އޭނާ ވިދާޅުވި ގޮތުގައި މާލެ އަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަށް ރަނގަޅަށް އެޑްރެސްކުރެވިގެންނެވެ.
"ގާތްގަނޑަކަށް 20 އަކަށް އަހަރުވަންދެން މި އޮތީ މި ތަނަށް (މާލެ އަށް) އަޅާނުލެވި، ވާނެ ގޮތެއް ވާން ދޫކޮށްލާފަ، ހުރިހާ އެންމެން ވެސް ވާހަކަ ދައްކަނީ [މިހެން]،"
އެހެންކަމުން މިއީ، ހިންގުމުގެ ދާއިރާ އިން ލިބުނު ތަޖުރިބާގެ އަލީގައި މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ނުކުމެވަޑައިގަންނަވަންވީ އެންމެ ރަނގަޅު ވަގުތުގެ ގޮތުގައި އާޒިމް ދެކެވަޑައިގަންނަވައެވެ.
އާޒިމް ވިދާޅުވީ، ކޮންމެ ކަމެއް ވެސް ކުރެވޭނެ ބައިވަރު ގޮތްތައް އޮންނާނެ ކަމަށާއި، އޭނާ މަސައްކަތްކުރައްވާނީ އެ އުސޫލުން ކަމަށެވެ. އޭނާ ވިދާޅުވީ، މޭޔަރުކަމާ ހަވާލުވެވަޑައިގަންނަވަނީ މާލޭ ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމަށް ކަމަށާއި، ވަކި މީހަކު ބުނާ ގޮތަކަށް ކަންކަން ކުރުމަށް ނޫން ކަމަށެވެ.
"ސިޔާސީ ސަކަރާތުގައި ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވެއްޖެ"
އާޒިމް ގަބޫލުކުރައްވާ ގޮތުގައި، ސިޔާސީ މަސައްކަތަކީ ރަނގަޅު ސިޔާސަތުތައް އެކުލަވާލައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ، ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމެވެ.
ނަމަވެސް ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން، ގިނަ ރައްޔިތުން ގަބޫލުކުރަނީ ސިޔާސީ މަސައްކަތަކީ ކޯޅުން ކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ ބޭފުޅުން "ލައްކަ ސަކަރާތް" ޖެއްސެވި ކަމަށާއި، ނަތީޖާއެއްގެ ގޮތުން ރައްޔިތުން ބޭނުންވާ ކަންކަން ނުފުދި، ރައްޔިތުން ނިކަމެތިވެފައިވާ ކަން އާޒިމް ގަބޫލުކުރައްވައެވެ.
"އަޅުގަނޑު މި އަންނަނީ ކޯޅޭކަށް ނޫނޭ، އަޅުގަނޑު މި އަންނަނީ ރައްޔިތުންނަށް ދިމާވެފަ ހުރި ބޮޑެތި ކަންތައްތަކަށް ހައްލު ހޯދައިދޭށޭ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ދެއްވި ޔަގީންކަމަކީ އޭނާގެ މޭޔަރުކަމުގެ ދަށުން މާލޭން ވަރަށް ބޮޑު ތަފާތެއް ފެންނާނެ ކަމެވެ.
ހާލަތު ދެނެގަންނަން ނުކުންނާނީ މަގުމައްޗަށް، ގަވައިދުން ބައްދަލުކުރާނަން
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އިރު ވެސް އާޒިމްގެ ފާހަގަކޮށްލެވޭ އެއް ކަމެއް ވެއެވެ. އެއީ އެމްޓީސީސީން ހިންގާ މަޝްރޫއުތައް ހިނގާ ނުހިނގާ ގޮތް ބައްލަވާލައްވަން އެކި ފަހަރު މަތިން މަޝްރޫއުތަކުގެ މަސައްކަތްތައް ހިނގަމުންދާ ސަރަހައްދަށް ވަޑައިގަތުމެވެ.
އާޒިމް ވަނީ މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، އެ މަންޒަރު އޭނާގެ ކިބައިން ފެނިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
"މިއަދު ރާއްޖެ މި އޮތް ހާލަތުން ހަމަ އެންމެ އިސްކޮށް ތިބި މީހުން ސީދާ މަގުމަތީގަ ކަންތައްތައް ހިނގާގޮތް ބަލައިގެން ނޫނިއްޔާމު އަސްލު ހައްލެއް ނުއެއް ގެނެވޭނެ، އުންމީދުކުރާ ބަދަލެއް ނުއެއް ގެނެވޭނެ،"
ހަމަ އެއާއެކު މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، އަހަރަކު ހަތަރު ފަހަރު ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމްގެ ވިސްނުންފުޅު ހުރީ މާލޭގައި ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގައި ވެސް ވަކިވަކިން ހަތަރު ފަހަރު ބައްދަލުވުންތައް ބޭއްވުމެވެ.
މާލޭގެ މައްސަލަތަކުގެ ބަލަދުވެރިޔަކީ މޭޔަރު، ދޫކޮށްލެވޭނެ އެއް ކަމެއް ވެސް ނޯވޭ
އާޒިމް ފާހަގަކުރެއްވި ގޮތުގައި، މާލެ އަށް ދިމާވާ މައްސަލަތަކުގެ ޒިންމާ ނަގައި، އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުން މާލޭގައި އެ އިރަކު މޭޔަރުކަން ކުރައްވާ ބޭފުޅެއްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން މާލޭގެ ރައްޔިތުންނާއި ރަށްރަށުން މާލެ އަށް އަންނަ މީހުންނާއި ދަފްތަރުގައި ހިމެނޭ މީހުންނަށް ދިމާވާ އެކި މައްސަލަތަކުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ މޭޔަރު ކަމުގައި އާޒިމް ވިދާޅުވިއެވެ.
މިގޮތުން ވެސް އާޒިމް ފާހަގަކުރެއްވި އެއް މައްސަލައަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، މަގުމަތިވެފައިވާ މީހުންގެ މައްސަލައެވެ.
އޭނާ ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކޮށް، މަގުމަތިވެފައިވާ އެތައް ބަޔަކަށް ފަރުވާ ދީ ރަނގަޅު ގޮތް ހޯދައިދޭން ޖެހޭ ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް ދިމާވާ ދަތިތައް ދެނެގަނެ، ކަމާބެހޭ ހުރިހާ މުއައްސަސާއެއް ގުޅިގެން މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ.
މާލޭގެ މައްސަލަތައް ހައްލުކުރުމަށްޓަކައި އެއްބާރުލުން ދެއްވާނެ ކަމަށް އާޒިމް ވިދާޅުވި ނަމަވެސް، ނުކުރައްވާނެ އެއް ކަމެއް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ބައިވެރިނުވާނެ އެއް ކަމެއް އޮންނާނެ، އެއީ ރައްޔިތުންގެ ފައިސާ އާއި މުދާ އިސްރާފުކުރާ ކަމެއްގަ އަޅުގަނޑު ބައިވެރިނުވާނަން، އެ ނޫން ކޮންމެ ކަމެއްގަ އަޅުގަނޑު ބައިވެރިވާނަން،"