ފުށިދިއްގަރުފަޅު ހިއްކައި އެ ބިމުގައި ތަރައްގީކުރާ 'ރަސްމާލެ' މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތަށް މާލީ ގޮތުން އެންމެ ފައިދާ ހުރި ގޮތަށްތޯ ކަށަވަރުކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އެސްއޯއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އަށް ފޮނުވައިފިއެވެ.

ހޯރަފުށި ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އެސްއޯއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އަކަށް ފޮނުވައި އެ މައްސަލަ ދިރާސާކުރުމަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އެވެ. އެ ހުށަހެޅުމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ތާއީދުކުރައްވައިފައެވެ. އެހެންވެ ޖަލްސާގެ ވޯޓު ގަޑީގައި ރިޔާސަތުން އެ ހުށަހެޅުން ފާސްކުރުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 30 މެންބަރުން ވެސް ވަނީ ސަލީމް ހުށަހެޅުއްވި މައްސަލަ ދިރާސާކުރަން ކޮމިޓީ އަށް ފޮނުވުމަށް ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.

އެހެންކަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ، އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އެސްއޯއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އަށް ފޮނުވަން ނިންމަވައިފައެވެ

ސަލީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، މި މަހުގެ 18 ގައި ފެށި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރޭވިފައިވާ ގޮތާއި އެ ބިން ތަރައްގީކުރާ ގޮތާއި، މަޝްރޫއަށް ކަނޑައަޅާފައިވާ ބިން ހިއްކަން ސަރުކާރުން ކުންފުންޏެއް ހޯދި ގޮތް އެނގެން ނެތް ކަމަށާއި، އެ މަޝްރޫއުގެ މާސްޓާޕްލޭނެއް އެކުލަވާލުމުގެ ކުރިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުން ސުވާލު އުފެދޭ ކަމަށެވެ.

މި ކުއްލި މައްސަލައިގައި ސަލީމް ފާހަގަކުރެއްވި ގޮތުގައި:

  • ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފެށުމުގެ ކުރިން، 29 ހެކްޓަރުގެ ސަރަހައްދެއް ފިޔަވައި އެ ފަޅުގެ އީއައިއޭ އެއް ނުހަދާ
  • ސްރީލަންކާގެ ސީއެމްސީސީ އަށް 70 ހެކްޓަރުގެ ބިމެއް (ހުޅުމާލެން 10 ހެކްޓަރު، ފުށިދިއްގަރުފަޅުން 60 ހެކްޓަރު) ދޭން ނިންމި ނިންމުމަކީ ދައުލަތަށް ފައިދާ ބޮޑު ގޮތް ކަމެއް ވެސް އެނގޭނެ ގޮތެއް ނެތް

ސަލީމް ވިދާޅުވި ގޮތުގައި، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އުނިކުރުމުން ވެސް، ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމި ނިންމުމަކީ ގާނޫނުއަސާސީގައި ދައުލަތުގެ ބާރުތައް ތަރުތީބުކޮށްފައިވާ ގޮތާއި، އެއްބާރު އަނެއްބާރު ޖަވާބުދާރީކުރުވައި ޒިންމާދާރުކުރުވުމުގެ ހަމަ ސަރުކާރުން ނައްޓައިލި ކަމެކެވެ.

އެހެންކަމުން، ސަލީމް ވަނީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ތަފްސީލު ހާމަކުރުމަށާއި، މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތަށް މާލީ ގޮތުން އެންމެ ފައިދާ ހުރި ގޮތަށްތޯ ކަށަވަރުކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވައިފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ވެސް މިކަން ބެލުމަށް އޭނާ ގޮވާލައްވާފައިވެއެވެ.