މެންބަރުން އެދިވަޑައިގެންފި ނަމަ، ދައުރުން ބޭރުން ޖަލްސާ އެއް ބާއްވައިގެން ވެސް ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ނިންމަވާލައްވާނެ ކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
19 ވަނަ މަޖިލީހުގެ މިހާރު މި ހިނގާ ދައުރު ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވެއެވެ. އެންމެ ފަހުން އިތުރުކުރީ މިއަދުގެ ނިޔަލަށް ދައުރު ދަންމާލާ ގޮތަށެވެ. ސަބަބެއް ކަމަށް އަސްލަމް ތިން ފަހަރު ވެސް ވިދާޅުވެފައި ވަނީ މަޖިލީހުން ކުރަން ހުރި މުހިންމު މަސައްކަތްތައް ނުނިމި ހުރުމެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް މީގެ ދެ ދުވަހެއް ކުރިން 'ދަ ޕްރެސް' އަށް ވިދާޅުވީ، ސަރުކާރުން މުހިންމު ބިލުތަކެއް އަނބުރާ ގެންދިއުމުން މަޖިލީހުގައި މެންބަރުން ކުރަން ޖެހިފައިވާ މަސައްކަތްތައް މަދުވެއްޖެ ކަމަށާއި، އެހެންވެ ނުނިމި އޮތް މަސައްކަތަކީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓު ނުހިމެނޭތީ ވަޒީރުންނަށް ރުހުން ދިނުމުގެ ރިޕޯޓު އަނބުރާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވާލުމުން އެ ރިޕޯޓުގެ މަސައްކަތްކުރުމަށް އުފެއްދި ސަބް ކޮމިޓީގެ ކޯރަމް ހަމަނުވާތީ ރިޕޯޓުގެ މަސައްކަތް ނުނިމޭ ކަމަށާއި، މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދަނީ އެ ސަބަބާ ހެދިއެވެ.
މިއަދުގެ ޖަލްސާ ފަށްޓަވަމުން، ކޮމިޓީގެ ރިޕޯޓު އަދި ނުލިބޭކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ކޮމިޓީގެ ރިޕޯޓު ނިމުމުން ދައުރުން ބޭރުން ޖަލްސާ އެއް ބާއްވަން މެންބަރުން އެދިވަޑައިގެންފިނަމަ، ވަޒީރުންނަށް ރުހުންދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމަވާލައްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ތިންވަނަ ދައުރު ނިމޭނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގައެވެ. އެ ގަވައިދުގެ 45 ވަނަ މާއްދާގައިވާ ގޮތުން، ސަބަބު ބަޔާންކޮށް ދައުރުން ބޭރުން ޖަލްސާ އެއް ބާއްވައިދިނުމަށް އެދި މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސޮއިކޮށް މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭ ޖަލްސާ އެއް ބާއްވަންވާނެއެވެ.