ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނަށް އިސްލާހެއް ގެނައުމަށް ހުށަހަޅާ ބިލާއި އެ ގާނޫނު އުވާލުމަށް ހުށަހެޅި ބިލުގެ މައްސަލަ އެޖެންޑާކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ބާއްވަން މާދަމާ އަށް ތާވަލުކޮށްފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ސުވާލުކުރުމަށް ހާޒިރުކުރުމުން ބައެއް ސުވާލުތަކަށް އޭނާ ޖަވާބު ދެއްވިއެވެ. ބައެއް މެންބަރުން ސައީދާ ކުރެއްވި ސުވާލުތައް ބަލައިނުގަތުމުން، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އެ ދުވަހު ފާޑުކިއުން އަމާޒުވިއެވެ.
ރައްދުގައި އަސްލަމް ވިދާޅުވީ، ގާނޫނާއި ގަވައިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ވާތީ އޭނާ އަމަލުކުރައްވަނީ ގަވައިދުތަކާ އެއްގޮތަށް ކަމަށާއި ،އެއްވެސް މެންބަރެއްގެ ހައްގަށް އުނިކަމެއް އަންނާނެ ފަދަ ގޮތަކަށް އަމަލުނުކުރައްވާނެ ކަމަށެވެ. އަސްލަމް ވަނީ މެންބަރުން ނުރުހޭނަމަ، ގަވައިދު އިސްލާހުކުރުމަށް އެދިވަޑައިގެންފައެވެ.
އެހެންވެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީގެ ދަށުން މެންބަރުންނަށް ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ލިބިދީފައިވުމާ އެކު، އަދި މެންބަރެއްގެ އިހުތިސޯސްގައިވާ ކަންކަމާ ގުޅޭގޮތުން މަޖިލީހުން ބޭނުންވެއްޖެ ކޮންމެ މައުލޫމާތެއް ދޭން ވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ.
އޭނާ އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވީ، ލަސްކުރުމަށް ފުރުސަތު ނުދީ، ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ސުވާލުކުރުމަށް އެ ވަޒީރަކު މަޖިލީހަށް ހާޒިރުކުރެވޭ ވަގުތު، އެ ވަޒީރަކު ހަވާލުވެހުރި ވުޒާރާއެއްގެ އިހުތިސޯސުގައިވާ ކަންކަމާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުންނަށާއި އާންމުންނަށް މައުލޫމާތު އެނގުން މުހިންމުކަމަށް ވާތީ ކަމަށެވެ.
ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނަށް މުހައްމަދު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން:
- މަޖިލީހުގެ މެންބަރަކު ވަޒީރަކާ ސުވާލުކުރާނީ މަޖިލީހުގެ ރައީސް މެދުވެރިކޮށް، ލިއުމަކުން ސުވާލުގެ ނޯޓިސް ފޮނުވައި، ރަސްމީ ބަންދުނޫން ތިން ދުވަސް ދިނުމަށް ފަހު މަޖިލީހުގެ ޖަލްސާއެއްގައި
- ވަކި މައުޟޫއަކާ ގުޅުންހުރި ސުވާލު ކުރެވޭ ގޮތަށް އޮތް އޮތުން އުވާލައި ވަޒީރުގެ އިހުތިސޯސްގައިވާ މަސައްކަތާ ގުޅުންހުރި ސުވާލަކަށްވާ ނަމަ އިތުރު ސުވާލުކުރަން ފުރުސަތު ދިނުން
އެކަމަކު ހޯރަފުށި ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް ވަނީ، ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލުމަށް ހުށަހަޅުއްވައިފައެވެ. ސަލީމް ވިދާޅުވީ، ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ވަޒީރުންނާ ސުވާލުކުރާނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގައި އެ މާއްދާ އާއި ފުށުއަރާ މާއްދާތަކެއް ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން އެ ގާނޫނުގެ ބޭނުމެއް ދެން ނުހިފޭނެ ކަން ސަލީމް ފާހަގަކުރެއްވިއެވެ.
މާދަމާގެ ޖަލްސާ އަށް މި ދެ އިސްލާހު އެޖެންޑާކޮށްފައި އޮތުމުން އެއްވެސް ހިލާފެއް އުފެދޭނެނޫންތޯ ސުވާލުކުރުމުން ސަލީމް 'ދަ ޕްރެސް' އަށް ވިދާޅުވީ، އެއްވެސް ހިލާފެއް ނުއުފެދޭނެ ކަމަށާއި، ހުށަހެޅުނު ދެ އިސްލާހުގެ ބަހުސް މަރުހަލާގައި ކޮންމެވެސް އެއްގޮތަކަށް ނިމިގެން ދާނެ ކަމަށެވެ.
މި ދެ އިސްލާހުގެ އިތުރުން، މާދަމާގެ ޖަލްސާގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާ އިސްލާހު ވެސް ވަނީ އެޖެންޑާކޮށްފައެވެ.
އެކަމަކު ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައެއް ނުވެއެވެ. ސަބަބަކީ ވުޒާރާތަކުގެ މެންޑޭޓު ނުހިމެނޭތީ ވަޒީރުންނަށް ރުހުން ދިނުމުގެ ރިޕޯޓު އަނބުރާ ކޮމިޓީ އަށް ފޮނުވާލުމުން އެ ރިޕޯޓުގެ މަސައްކަތްކުރުމަށް އުފެއްދި ސަބް ކޮމިޓީގެ ކޯރަމް ހަމަނުވާތީ ރިޕޯޓުގެ މަސައްކަތް އަދި ނުނިމޭތީއެވެ.
މާދަމާ އަކީ ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ފަހު ޖަލްސާ އޮންނަ ދުވަހެވެ.