ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު އަބްދުއްރަހީމަށް ތޫނު އެއްޗަކުން ހަމަލާދީ، މަރާލި މައްސަލައިގައި ދައުވާކޮށް ސާބިތު ނުވެގެން ދޫކޮށްލި ހަތަރު މީހުންގެ ތެރެއިން އަލީ ނިފާޒު ބަންދުކުރަން ހުކުމް ކޮށްފިއެވެ.

ނަދީމް މަރާލި މައްސަލަ އާއި ގުޅިގެން 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ހިމެނޭހެން ދައުލަތުން ފަސް މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ. އެގޮތުން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމާއި ލ. ގަން ވިދާތަރި, އަލީ ނިފާޒުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ, ރ. އިންނަމާދޫ ސަމަންތާ, ހުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށް އުފުލިއެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި ދައުލަތުން ވަނީ އިސްތިއުނާފުގެ މައްސަލަ ނިމެންދެން އެ މީހުން ބަންދުކޮށްދިނުމުގެ އަމުރެއް ނެރެ ދިނުމަށް ހައިކޯޓުގައި އެދިފައެވެ. އެހެންނަމަވެސް ހައިކޯޓުން އެ އަމުރު ނެރެދީފައެއް ނުވެއެވެ.

އެ މައްސަލާގައި ބަންދުގެ މައްސަލަ އަލުން ބަލައިދިނުމަށްއެކި ހައިކޯޓުގެ މައްޗަށް ހުކުމްކޮށްދިނުމަށްއެދި ދައުލަތުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގާއި ސްޕްރީމް ކޯޓުން ވަނީ ވަކިވަކި އެ މީހުންގެ މައްސަލައަށް ރިއާޔަތްކުރުމަށްފަހު ބަންދުގެ މައްސަލަ އަލުން ބަލަން ހުކުމް ކޮށްފިއެވެ.

އެ މައްސަލާގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ކަރަމް ޝުހައިލް އާއި ޝާމިންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކުށުގެ އަމަލު ހިންގި މީހުންނާއެކު ސައިކަލުގައި އެ ސަރަހައްދަށް ގޮސް އެ ސަރަހައްދުން އަނބުރާ ގޮސްފައިވާތީ ކަމަށެވެ. އަދި ބަންދުން ދޫކޮށްލި ފަހުން ޝާމިންއާއި ކަރަމްގެ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

މިހާތަނަށް ކަރަމް ހައްޔަރުކޮށްފައިވަނީ ހަމައެކަނި އެ މައްސަލާގައިކަން ފާހަގަކޮށް ފަނޑިޔާރު ވިދާޅުވީ އެ ދެ މީހުން ހާދިސާ ހިނގިތަނުން ފެނިފައިވާ ކަމަށް އެއްވެސް ހެއްކެތް ބުނެފައެއް ނުވާ ކަމަސާއި ހާދިސާ ހިނގިތަނުން ސީސީޓީވީ ފުޓޭޖުން ކަރަމް ފެނިފައެއް ނުވާ ކަމަށާއި އެހެންނަމަވެސް އެ ސަރަހައްދުން ކަރަމް ފެނިފައިވާކަން ސީސީޓީވީ ފުޓޭޖުން އެނގޭ ކަމަށެވެ.

ޝާމިންގެ މައްސަލާގައި ސީސީޓީވީ ފުޓޭޖު ނޫން އެެއްވެސް އެއްޗެއް ފެނިފައެއް ނުވާ ކަމަށާއި އެ ދެމީހުންވެސް މުޖުތަމައުގައި ވަޒީފާ އަދާކުރާ ފަރާތްތައްކަން ވަނީ ބުނެފައެވެ. އަދި ހެކިތަކަށް ބަލާއިރު ހާދިސާއާއި ޝާމިން އަދި ކަރަމް ގުޅުވާލެވޭ ކަމަކަށް ނުބެލެވޭ ކަމަށް ވަނީ ބުނެފައެވެ.

މަފާޒަށް ދައުވާކުރީ އަމަލީ ގޮތުން ޓާމިނަލް ކެފޭ ތެރޭގައި ކުށުގެ އަމަލު ހިންގާފައިވާތީ ކަމަށާއި މަފާޒަކީ އޭގެ ކުރިންވެސް އަދި ފަހުންވެސް ކުށުގެ ރިކޯޑު އޮތް ފަރާތެއް ކަމަށެވެ. އަދި ތަކުރާރުކޮށް ކުށުގެ ވެށީގައި އުޅޭކަން އެނގޭ ކަމަށާއި މިހާރުވެސް ވަނީ އެފަދަ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން ނިފާޒުގެ މައްޗަށްވެސް ދައުވާކުރީ އަމަލީ ގޮތުން ޓާމިނަލް ކެފޭ ތެރޭގައި ކުށުގެ އަމަލު ހިންގާފައިވާތީ ކަމަށާއި އޭގެ ކުރިންވެސް އަދި ފަހުންވެސް ނިފާޒު ހައްޔަރުގެ ރިކޯޑު އެބަ އޮތް ކަމަށެވެ އަދި މަފާޒާކި ނިފާޒަކީ ކުށުގެ ވެށީގައި ތަކުރާރުކޮށް އުޅޭ ބައެއްކަން ފާހަގަކުރައްވާ ފަނޑިޔާރު ވިދާޅުވީ މިކަމުގައި އަމަލީ ގޮތުން ނިފާޒު ބައިވެރިވިކަން ސިއްރު ދެ ހެކިންގެ ހެކިބަހާއި ސީސީޓީވީގެ ފުޓޭޖުންވެސް އެނގޭ ކަމަށެވެ.

ނިފާޒާއި ކުށާ ގުޅުވާލެވޭ ކަމަށާއި ނިފާޒުގެ ފަރާތުން މުޖުތަމައުއަށް ނުރައްކާވާ ކަމަށް ބުރަވެވޭތީ މި މައްސަލާގެ އިސްތިއުނާފުގެ ޝަރީއަތުގައި ވަކި ގޮތަކަށް ކަނޑައަޅަންދެން އޭނާ ބަންދުގައި ބަހައްޓަން ވަނީ ހުކުމްކޮށްފައެވެ.

އެގޮތަށް ހުކުމްކޮށްފައިވަނީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ޖުލައި 27، 2017 ގައި ހަވީރު ޓާމިނަލް ކެފޭގެ ތެރޭގައި އިންދާ ބަޔަކު އައިސް ނަދީމް މަރާލާފައި ވަނީ ތޫނު އެއްޗަކުން ހަމަލަދީގެންނެވެ. ނަދީމަށް ދިން އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުންނެވެ.