ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން ކަމަށްވާ، އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި ބޭއްވުމަށް ނިންމައިފިއެވެ.

އެކަން އިއުލާންކޮށްދެއްވާފައިވަނީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި އުރީދޫ ރަން ފަން އިފްތިތާހުކުރުމުގެ ރަސްމިއއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

އެ ރަސްމިއްޔާތުގެ ތެރެއިން އުރީދޫ ފަން ރަންގެ އުފާވެރި ރޫހު ރަމްޒުކޮށްދޭ ރަމްޒީ ހަނދާނީ ފިލައެއް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ ވަނީ ލ. އަތޮޅުގެ ކައުންސިލް ރައީސް އިސްމާއިލް އަލީއަށް އަރުވާފައެވެ.

ހާލިދު ވިދާޅުވީ އުރީދޫ ފަން ރަން 2024 އަށް ލ. އަތޮޅު އިހުތިޔާރުކުރުމަކީ ހަމައެކަނި ދުވަން ނޫން ކަމަށާއި އެއީ ގައުމުގެ ތަފާތު ރީތިކަމާއި ތަފާތުކަން ގަބޫލުކުރުމަށް ކަމަށެވެ. އަދި ލ. އަތޮޅުގެ ހިތްގައިމު މުޖުތަމައުއާ ގުޅިގެން ދެމެހެއްޓެނިވި ހަނދާންތައް އެކުގައި އުފެއްދުމަށް އުއްމީދު ކުރާ ކަމަށް ހާލިދު ވިދާޅުވިއެވެ.

އުރީދޫއިން ބުނީ މި އަހަރުގެ ދުވުމުގައި 6000 ވުރެ ގިނަ ދުވުންތެރިން ބައިވެރިވެ 5ކޭ ގެ މި އުފާވެރި އަދި އެންމެ ބޮޑު ދުވުމުގެ ދަރަޖަ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމަށެވެ. އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރެއްގެ ދުވުންތެރިން ބައިވެރިވާ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމުގެ އިތުރުން މުޖުތަމައު ގެ އެއްބައިވަންތަކަމާއި އަދި އުފާވެރިކަން ފާހަގަކުރާ ދުވުމެކެވެ.

އުރީދޫއިން ބުނީ އަންނަ އަހަރުގެ ދުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށާއި ލާމުގެ އިތުރުން ހުޅުމާލޭގައި އުރީދޫ ފަން ރަން 2024 ލާމުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.