ސްކޫލު ބަންދުގައި، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ހާއްސަކޮށް ފުލުހުން އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި، މާލޭގެ މަގުތަކުގައި އާންމުކޮށް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވެގެން ދާނެކަމަށާ މާލޭގެ މަގުތަކުގައި ހާއްސަކޮށް އެންމެ މީހުން ގިނަވާ ވަގުތުތަކުގައި އަދި މީހުން އެއްވެ އުޅޭ ސަރަހައްދުތަކާއި މާލޭގެ މަގުތައް އެންމެ އަމާންވާ ވަގުތުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ. މީގެ އިތުރުން މާލޭގެ އެކި ހިސާބުތަކުގައި ވިސީޕީ ޖަހައިގެން މިހާރަށް ވުރެ ބޮޑަށް މަގުތައް މޮނީޓަރ ކުރުން ވެސް ކުރިއަށް ދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކަނޑު އުޅަނދުފަހަރު ބަލައި ފާސްކުރުމާއި ގަވާއިދާ ހިލާފަށް މުދަލާއި މީހުން އަރުވައިގެން އުޅަނދު ނުދުއްވުމަށް ނަސޭހަތްތެރިވެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ދޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ޗެކުކުރުމާއި އެއްގަމު އުޅަނދުތަކުގެ ހާލަތު ބެލުމާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ދުއްވާ އުޅަނދުތައް ދެނެގަނެ އެކަން ވަކި ތަރުތީބެއްގެ ތެރެއިން ކުރިއަށް ގެންދެވޭގޮތަށް މަސައްކަތްތައް ބައްޓަން ކުރެވިގެން ދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އަތޮޅު ތެރެއިން މާލެ އަންނަ މީހުންނާއި މާލެއިން ފުރާ މީހުން ފުރަންދާ ވަގުތުތަކުގައި މަގުތައް ބާރުބޮޑުވާނެކަމަށް ބެލެވޭތީ މީހުންނަށް ދަތިނުވާނެ ގޮތަށް ސަމާލުކަންދޭންޖެހޭ ކަންތައްތައް އޮޅުންފިލުވައިދެމުން ދާނެއެވެ.
ރައްޔިތުން ހޭލުންތެރި ކުރުމަށް މައުލޫމާތު ދިނުންވެސް ކުރިއަށް ދާނެކަން ފާހަގަކުރަމުން ފުލުހުން ބުނީ އަވައްޓެރި ފުލުހުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި ކުށުގެ ވެށިން ރައްކާތެރިވުމަށް ކުރެވޭނެ ކަންތައްތަކާއި ހާއްސަ ގޮތެއްގައި ޗުއްޓީއަށް ފުރައިގެން ދާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތައް އޮޅުންފިލުވައިދެމުން ގެންދާނެކަމަށެވެ.
މި ގޮތުން ފުރައިގެން ދާއިރު ގެ ރަނގަޅަށް ތަޅުލެވިފަތޯ ޔަގީން ކުރުމުށާއި ދިގު މުއްދަތަކަށް ފުރައިގެންދާނަމަ އިތުބާރުކުރެވޭ މީހަކާ ގޭގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކުރުމަށާއި ގޭތެރެ އެއްކޮށް އަނދިރިކޮށްފައި ނުބެހެއްޓުމަށާއި އަގުބޮޑެތި މުދަލާއި ފައިސާ ދޫކޮށްފައި ދާއިރު ވިސްނަންޖެހޭ ކަންތައްތަކުގެ އިރުޝާދު ދެމުންގެންދާނެއެވެ. އަދި ޗުއްޓީ ދުވަސްވަރު އާއިލާތަކުން އުފާވެރި ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ އެކި ދިމާތަކަށް ދަތުރު ދިއުންފަދަ ކަންކަން ކުރާއިރު އަގުބޮޑެތި މުދާ ގެންދާނަމަ އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތައް އިންތިޒާމު ކުރުމަށްވެސް މައުލޫމާތު ދެވޭނެއެވެ.
ފުލުހުން ބުނީ މީގެ އިތުރުން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވުމަށާއި ބޭރު ފައިސާ ގަނެވިއްކުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ. އަދި އިންޓަނެޓް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަމުންދާ ކުށްތައް އިތުރުވަމުން ދާތީ އެކަންކަމުން ރައްޔިތުން ރައްކާތެރިކުރުމަށް ވެސް މައުލޫމާތު ދެމުންދާނެއެވެ. އަދި އައު އަހަރު ފާހަގަކުރުމުގައި ޖީނާއީ ކުށްތައް އިތުރުވިޔަ ނުދިނުމަށާއި އެފަދަ ކުށްތައް ހިންގާ ފަރާތްތަކަށް ފުރުސަތު ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފުލުހުން ބުނީ މި މަހު 22 ވަނަ ދުވަހުން ފެށިގެން ސްކޫލުގެ ހުޅުވުމާ ހަމައަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށެވެ. އަދި ފުލުހުން ވަނީ މަސައްކަތަށް ހުރަސްއެޅޭނެ ފަދަ ކަންކަން ނުކުރުމަށާ އަދި ފުލުހުންނަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ގޮތަށް ރައްޔިތުންގެ އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ.