ޑިސެމްބަރު 26، 2004 ވީ އާދިއްތަ ދުވަހު ރާއްޖެއަށް އެރި ސުނާމީ އަކީ މުޅި ރާއްޖެ ދުށް އެންމެ ބިރުވެރި ނާމާން ކާރިސާއެވެ. އެ ދުވަހުގެ ފަތިހު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބާރުގަދަ ބިން ހެލުމާއެކު އުފެދިގެން ދިޔަ ސުނާމީގެ އަސަރު ދުނިޔޭގެ އެތައް ގައުމަކަށް ކުރި އިރު، ބޮޑުވަރުވީ ގައުމުތަކުގެ ތެރޭގައި މި ކުޑަ ރާއްޖެ ހިމެނެއެވެ. އެ ދުވަހު ރާއްޖޭގެ 191 ރަށަކަށް ސުނާމީގެ އަސަރު ކޮށްފައިވާ އިރު، ބައެއް ރަށްރަށަށް އެރި ރާޅާއެކީ މުޅި ރަށް އެކީ ދޮވެލިއެވެ.

އެގޮތުން ދ. ގެމެންދޫ އަކީ ސުނާމީގެ ބިޔަ ރާޅާއެކީ މުޅި ރަށް ދޮވެލި ރަށެކެވެ. އެއް ރާޅު ހުޅަނގުން އިރުވާ ކޮޅަށް އަރައިގައި ދިޔަ ފަހުން ދެވަނަ ރާޅު ނެގީ އިރުވާ ކޮޅުން ހުޅަނގަށެވެ. އެ ރަށު މީހުން ބުނާ ގޮތުގައި އެއްކޮޅުން އެރި ރާޅާއެކު މުޅިރަށުގައި ތިބި މީހުން ކަނޑަށް ދަމާލިތާ މާގިނަ އިރުތަކެއް ނުވަނީސް އަނެއް ފަރާތުން ނެގި ރާޅާއެކު ރަށުތެރެއަށް މީހުން ދަމާލިއެވެ.

ސުނާމީގައި ފަޅުވި ދ. ގެމެންދޫގައި ހަލާކުވެފައިވާ ގެތައް / ފޮޓޯ: މުހައްމަދު ވިއާމް - ދަ ޕްރެސް

ސުނާމީ އެރި ދުވަހު ދ. ގެމެންދޫގައި ތިބި މަދު ބަޔަކު ތިބީ އެ ރަށް ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ ތަނބުޅައިދޫ ގައެވެ. އެގޮތުން ސުނާމީ އެރި އިރު، ދ. ގެމެންދޫ، ނިސްރީންގެ، ޒުނޭރާ ހަސަން އަށް ވާނީ 27 އަހަރެވެ. އެ ދުވަހު ހެނދުނު ޒުނޭރާ ވެސް ތަނބުޅައިދޫއަށް ދިޔައީ، އެ ރަށް ކުނިކަހާ ސާފު ކުރުމަށެވެ. ސުނާމީ އެރި އިރު އޭނާ ހުރީ ތަނބުޅައިދޫ އާއި ގެމެންދޫއާ ދެމެދުގައި އަޅާފައިވާ ފާލަން މަތީގައި ކުނި އަޅާފައިވާ ބަރޯއެއް ހިފައިގެންނެވެ.

"އޭރު އަޅުގަނޑުމެންނަކަށް ނޭނގޭ މީ ކިހިނެއް ވެގެން ވާކަމެއް ކަމެއް. ދެން ގެމެންދޫއަށް ރާޅު ބިންދާލާފައި ކުނިގޮނޑު އޮޅާލި ތަން އަޅުގަނޑަށް ފެނުނު. ފުރތަމަ ރާޅު އައި ވަރަށް ތިރިތިރިން. އެ ރާޅު ރަށު ކައިރއަށް ބިންދާލިމަ އަޅުގަނޑު ދުވެފައި އައީ. އަޅުގަނޑު ހިއެއް ނުކުރަން އެ ރާޅު އެހާ ބޮޑަށް އަންނާނެ ކަމަކަށް. އަޅުގަނޑު އެރީ އެތާ އިން ރުކެއްގެ މެދަށް. އަޅުގަނޑޫގެ ބޯމަތިން ރާޅު ދަނީ."
ޒުނޭރާ ހަސަން

ތަނބުޅައިދޫއަށް ކުނިކަހާ ސާފުކުރަން ދާ ގެމެންދޫ އަންހެންވެރިންގެ ތެރެއިން އެއްބަޔަކު ކުނިތައް ނަގާ ބަރޯއަކަށް އަޅައިގެން އެ ދެރަށް ދެމެދުގައި އަޅާފައިވާ ފާލަން ހުރަސްކޮށް ވަނީ ގެމެންދޫއަށް ކުނިތައް އުކާލަން ގޮހެވެ. އޭރު ޒުނޭރާ ހުރީ އެ ފާލަން މަތީގައި މެދެއްހާ ހިސާބުގައި ކަމަށް އޭނާ ބުނެއެވެ. އެ ވަގުތު މޫދުގެ ލޮނުގަނޑު ހުދު ފޮނުޖަހާ ތަން ފެނުމުން އެ މަންޒަރު ބަލަން ހުރުމަށް ފަހު މިއަދު މޫދު ހާދަ ރީއްޗޭ އެތަނުން ކުނިކަހަން އައި މީހެއް ގާތު ޒުނޭރާ ބުނެލިއިރު، މި ވާން އުޅެނީ ކިހާވަރެއްގެ ކަމެއްކަން އޭނާގެ ސިކުނޑިއަށް ނަގައިގަންނާކަށް ނޭނގުނެވެ.

އޭގެ ކުޑަ އިރު ކޮޅެއް ތެރޭ އޭނާއަށް ފެނުނީ ކުރިމަތިން ފެންނަން އޮތް ގެމެންދޫއަށް ރާޅެއް ނަގާ ބިންދާލި މަންޒަރެވެ. އަދި އެ ރާޅު ކުނިގޮނޑާ އެކު އޮލާޅިތަން ވަރަށް ސާފުކޮށް ފެނުނުކަން ފާހަގަ ކުރަމުން ޒުނޭރާ ބުނީ، އެ ވަގުތު ރާޅު އައީ ވަރަށް ތިރިތިރިކޮށް ކަމަށެވެ.

ދ. ގެމެންދޫ، ޒުނޭރާ ހަސަން

ބަރޯ ހިފައިގެން ފާލަން މަތީގައި ހުރި ޒުނޭރާއަށް މި މަންޒަރު ފެނުމާއެކު ރާޅު އަރަނީ ކީއްވެކަން ނޭނގޭ ހާލުގައި އޭނާ ދުއްވައިގަތީ ތަނބުޅައިދޫއާ ދިމާއަށެވެ. ފައި ނުތެންމަން ވެގެން ތަނބުޅައިދޫ އަށް އެ ފާލަން ހުރަސްކޮށް އެރި ޒުނޭރާ ފަސް އެނބުރި ބަލާލި އިވެމުންދިޔަ އަޑަށް ސަާލުކަން ދެމުންނެވެ. އޭރު މާ ސިންގާ ބިޔަ ރާޅެއް އުފުލެމުން ދިޔަ މަންޒަރު އޭނާ އަށް ފެނުނެވެ. ގާތްގަނޑަކަށް އެ ރާޅުގެ އުސްމިނުގައި 20 އަކަށް ފޫޓު ހުންނާނެ ކަމަށް އޭނާ ބުނެއެވެ. ނެގި ބިޔަ ރާޅާއި އޭނައާ ދެމެދު އެއްވެސް ހުރަހެއް ނެތްކަން އެނގުމުން އޭނާ އަވަހަށް އެރީ އެތާ ކައިރީ ހުރި ރުކަކަށެވެ.

https://youtu.be/lxu2i_Zw-KQ

ރުކަށް އަރާ ރުކުގައި އޮޅުލައިގަނެގެން އިންދާ އެ ރާޅު ބިންދާލީ ބޯމަތިންނެވެ. ރާޅު ދިޔައިރު އޭނާއަށް ހުރެވުނީ ކަނޑުގެ އަޑީގައި ފަދަ ގޮތަކަށް ސިފަވި ކަމަށާއި ރާޅުގެ އިއެވަރު ގަދަކަމުން އޭނާ އަރައިގެން ހުރި ފައިވާން ވެސް ދޫވިއެވެ. އެ ރުކުގައި އޭނާ އިން އިރު އެރަށަށް ކުނިކަހަން ދިޔަ މީހުން ވީނުވީ ތަނެއް ނޭނގި ހުރި އިރު، އެވަގުތު "އަޅުގަނޑުމެން ކޮން ކުށެއް ކޮށްގެން ވާ ކަމެއް ބާއޭ މިއީ" ޒުނޭރާގެ ހިތަށް އެރި އެއްޗިއްސެވެ. މިގޮތަށް އެހެން ރަށަކަށް ރާޅު އެރިކަން ޒުނޭރާއަކަށް ނޭނގެއެވެ.

ސުނާމީގައި ފަޅުވި ދ. ގެމެންދޫ ކައިރީ ހުންނަ ފަޅުރަށްތައް / ފޮޓޯ: މުހައްމަދު ވިއާމް - ދަ ޕްރެސް

10 ވަރަކަށް މިނެޓް ފަހުން ރާޅުގަނޑު ހިނދުމުން އޭނާ އެ ރުކުން ފޭބިއެވެ. އަދި ތަނބުޅައިދޫ ތެރޭގައި ކުނިކަހަން އައި މީހުންތައް ހޯދަން އަވަސްވެގަތެވެ. އޭރު ގެމެންދޫން ކަޅު ހަންތަކާއި ރީދޫ ހަންތާކާއި ލަކުޑިތަކާއި އެތައް ސާމާނެއް އޮޔާ ދާތަން ފެނެއެވެ. ހަދާނެ ގޮތް ހުސްވެފައި ހުރި ޒުނޭރާއަށް ދެން ހިތްވަރެއް ލިބުނީ، ގެމެންދޫން ދެ ފިރިހެނުން ތަނބުޅައިދޫއަށް އައުމުންނެވެ. އެމީހުން ގާތުގައި ޒުނޭރާއާއެކު ކުނިކަހަން ތަނބުޅައިދޫ އަށް ދިޔަ އަންހެނެއް ކަމަށްވާ ހަދީޖާ އާއި އަދި އިތުރު ތިން މީހަކާއި ދެ ކުޑަކުދިން ވީތަނެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އެމީހުން ހޯދަން އެ ފިރިހެނުންނާއެކު މަސައްކަތް ފެށިތަނުން މާ ދުރުން ރީނދޫ ކުލައިގެ ހަމެއްގައި އެލިގެން ދެމީހަކު ތަނބުޅައިދޫއާ ދިމާއަށް އަންނަ ތަން ފެނުނެވެ. އެއީ ތަނބުޅައިދޫއަށް ދިޔަ މީހުންގެ ތެރެއިން ނުފެނިގެން އުޅުނު ދެ މީހެކެވެ. ރާޅު އަރާފައި ދިޔަ އިރު ގޮނޑުދޮށުގެ ދޮންވެލިގަނޑު ދަމާލާފައި އޮތުމުން ހަމުގައި އެލިގެން އައި މީހުން އެ ރަށަށް ނަގަން ޖެހުނީ ވަރަށް ހާލުން ކަމަށް ޒުނޭރާ ބުންޏެވެ. ދެމީހުން ވެގެން އެމީހުންގެ އަތުގައި ހިފާ ދަމާ ކޫއްތަމުން އެއްގަމަށް އެރުވިއެވެ.

ސުނާމީގައި ފަޅުވި ދ. ގެމެންދޫ މިހާރު އޮތް ގޮތް / ފޮޓޯ: މުހައްމަދު ވިއާމް - ދަ ޕްރެސް
"އަޅުގަނޑުމެން ރަށަށް އައި އިރު، ދޮން މަރިއްތަ އޮތީ ބޮއްކުރައަކަށް ނަގާފަ. އެއީ ތަނބުޅައިދޫން ގެއްލުނު މީހެއް. އޭނާ އޮތީ މަރުވެފައި. ދެން ގެމެންދުއަށް އައި އިރު، އިންޖީނުގޭގައި މަސައްކަތް ކުރާ އަޅުގަނޑުގެ ބައްޕައާއި ތަންކޮޅެއް ޅަ ކުއްޖެ ހުރި. އެ ކުއްޖާ ކޮނޑުގައި ވެސް ކުއްޖަކު އޮތް. ދެން އަޅުގަނޑު އަހާލައިފިން ތީ ކިހިނެއް ވެފަ އޮތް ކުއްޖެއްތޯ؟ އަހާލީމަ ބުނި، އެ ކުއްޖާ ވެސް މިއޮތީ މަރުވެފައޭ"
ޒުނޭރާ ހަސަން

އޭރު ސުނާމީގެ ރާޅު އަރައިގެން ދިޔައީ އިރުވާ ކޮޅަށް ކަމަށާއި ދެން ރާޅު އައީ އިރުވާ ކޮޅުން ކަމަށް އޭނާ ބުނެއެވެ. ރާޅު އަނެއްކާ އަންނަ ތަން ފެނުމުން ޒުނޭރާ އާ އެކު އެ ރަށުގައި ތިބި މީހުންތައް ގަސްގަހަށް އެރިއެވެ. އެގޮތުން އެ ރާޅުން ސަލާމަތް ވުމަށް ކޮންމެ ދެމީހަކު ގަހަކަށް އަރާ ތިއްބެވެ. ފުރަތަމަ އެރި ރާޅުގެ ހުރި ބާރު އޮއެވަރަށް ވުރެ ދެން އެރި ރާޅުގެ އޮއެވަރު މަޑުކަމަށް ޒުނޭރާ ބުނެއެވެ.

އެ ރާޅުގަނޑު މަޑުވުމުން އެމީހުން އެކުވެގެން ރަށުތެރޭގައި އެމީހުންނާ އެކު ދިޔަ މީހުން ހޯދަން އުޅުނެވެ. ކައިރީ ހުރި ފަޅުރަށްރަށުން ކަނަޑަށް ދަމައިގެން އެތައް ބަޔަކު އެމީހުން ސަލާމަތް ކުރިއެވެ. އަދި ތަނބުޅައިދޫގައި ތިބި މީހުން ގެމެންދޫ އަށް ގެންދަން ބޮއްކުރާ ގަނޑެއްގެ އެހީގައި މަސައްކަތް ފެށިއެވެ. އެގޮތުން ތަނބުޅައިދޫ އިން އެންމެ ފަހު ފުރި މީހުންނާއެކު ޒުނޭރާ ރަށަށް ދިޔައި އިރު މެންދުރު 12 ޖަހާނެ ކަމަށް އޭނާ ބުނެއެވެ.

ތަނބުޅައިދޫއަށް ދިޔަ މީހުންނާއެކު 5 އަހަރަށް ދާ ވަރުގެ ދެކުދިން ދިޔައެވެ. ރާޅާއެކު އެމީހުން ކަނޑަށް ދަމައިގެން އިރު އެ ދެކުދިން ތިބީ މަންމަމެންގެ އުރުގައެވެ. ކަނޑަށް ދަމައިގެން މީހުން ހޯދަން ބޮއްކުރާތަކުގައި ނިކުތް މީހުންނަށް އެތަނުން އެއް އަންހެނަކު ނެގި އިރު އޭނާގެ އުރުގައި ދަރިފުޅު އިނެވެ. ނަމަވެސް ދެން ހުރި އަންހެންމީހާ ނެގި އިރު އޭނާގެ ދަރިފުޅު ނެތެވެ. ކަނޑަށް ދަމައިގެން ވަގުތު އެ ކުއްޖާ އެ އަންހެން މީހާގެ އަތުން ދޫވެގެން ދިޔައީއެވެ. އަދި ވެސް އެ ކުއްޖާ ނުފެނެއެވެ.

ސުނާމީގައި ފަޅުވި ދ. ގެމެންދޫ ކައިރީ ހުންނަ ފަޅުރަށްތައް / ފޮޓޯ: މުހައްމަދު ވިއާމް - ދަ ޕްރެސް

ގެމެންދޫ ފަޅުތެރެއަކީ ގާތްގާތުގައި ފަޅުރަށްތަކެއް އުފެދިފައިވާ ގުދުރަތީ ގޮތުން އަޖައިބު ކުރުވަނިވި ރީތި ފަޅެކެވެ. އެ ސަރަހައްދުގައި ހުންނަ ފަޅުރަށްތަކަކީ ދަނޑުވެރިކަމަށާއި ކުކުޅު ހާ ގެންގުޅޭ ރަށްރަށެވެ. އާންމުކޮށް އެ އަތޮޅުގެ ގިނަ މީހުން ދަތުރު ދާ ހިތް ފަސޭހަ މި ފަޅުރަށްތަކަކީ ދިޔަވަރު ހިކިފައި އޮންނަ ވަގުތު ތަކުގައި އެއް ރަށުން އަނެއް ރަށަށް ހިނގާލާފައި ދެވޭ ފަޅުރަށް ފައްޗެކެވެ.

"ސުނާމީ އެރިތާ 48 ގަޑިއިރު ފަހުން ގެއްލުނު ދެ މީހުންނާއި ކުޑަކުއްޖަކާ ފެނުނު، އެ މީހުން އޮތީ މަރުވެފައި. އެއް ކުއްޖަކު މަރުވެފައި އޮއްވާ ފެނުނު. ދެ ކުއްޖަކު ނުފެނޭ. މުޅި ރަށުން 8 މީހުން މަރުވި އޭގެތެރޭގައި 3 ކުޑަކުދިން ހިމެނޭ."
ޒުނޭރާ ހަސަން

އެ ފަޅުރަށްރަށަށް މަސައްކަތު ގޮސް އުޅުނު އެތައް ބަޔަކަށް މި ކާރިސާގައި ވަރަށް ބޮޑެތި ގެއްލުންވިއެވެ. މުޅި ރަށުން 8 މީހުން މަރުވި އިރު އޭގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ. އެއްކުއްޖެއްގެ ހަށިގަނޑު ފެނުނު އިރު، ދެން ތިބި ދެ ކުދިންގެ ގެއްލުނީއެވެ. ތަނބުޅައިދޫއަށް ޒުނޭރާއާއެކު ކުނިކަހާ ސާފުކުރަން ދިޔަ އަންހެނުންގެ ތެރެއިން އާބިދާ ވަނީ ސުނާމީގައި ގެއްލިފައެވެ. އާބިދާގެ ހަށިގަނޑު ފެނުނީ އެ އަތޮޅުގެ ރިސޯޓެއްގެ ކައިރިއަށް ލައްގާފައި އޮއްވައި ސުނާމީ އެރިތާ 7 ވަނަ އަށް ވީ ދުވަހު ކަމަށް ޒުނޭރާ ބުނެއެވެ.

އެ ކާރިސާގައި އެ ރަށުގެ ހަލާކުނުވާ އެންމެ ގެއެއް ވެސް ނެތެވެ. މުޅިރަށުގައި ހުރި އިމާރާތްތަކުގެ ތެރެއިން 90 ޕަސެންޓް ގެތައް ވަނީ ދިރިނޫޅެވޭ ވަރަށް ސުންނާފަތި ވެފައެވެ. ހަަމައެއާއެކު ރަށު ތެރޭގައި ވަޅުގަނޑުގަނޑު ހެދިފައިވާ އިރު، ސުނާމީއަށް ފަހު އެއް ދުވަސް ވީ އިރު ވެސް ރަށު ތެރެއިން ފެން ނުހިނދެއެވެ. އެ ދުވަހު ރަށު ތެރޭގައި ވެސް ބޮއްކުރާ ކަނބާފައި އުޅުނު ކަމަށް އެ ރަށު މީހުން ބުނެއެވެ.

ދ. ކުޑަހުވަދޫ މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: މުހައްމަދު ވިއާމް - ދަ ޕްރެސް

ރަށުގެ ހާލަތު އެހިސާބަށް ގޮސްފައި އޮތުމުން ސުނާމީ އެރި ދުވަހުގެ ހަވީރު ވީ އިރު އެރަށުގެ ހުރިހާ އެންމެން ދ. ކުޑަހުވަދޫއަށް ގެންދިޔައެވެ. އެ ރަށުގެ މީހުން އެމީހުންނަށް ދިން އެހީތެރިކަން އަދިވެސް ގެމެންދޫ މީހުންގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ. ވަންނާނެ ތަނެއް ބޯހިޔާވަހި ކަމެއް ނެތި، މުޅި ދިރިއުޅުން ހަލާކުވެފައި ތިބި ގެމެންދޫގެ ރައްޔިތުންނަށް އެހީވި ކުޑަހުވަދޫގެ މީހުންގެ ގެތަކަށް އެ ރަށުގެ މީހުން ބަހާލިއެވެ. އެގޮތަށް ދިރިއުޅެމުންދާތާ ދެ ތިން އަހަރުތެރޭ ކުޑަހުވަދޫއަށް ގެމެންދޫން ދިޔަ މީހުންނަށް ބޯހިޔާވަހި ކަން ފޯރުކޮށް ދިނެވެ.

މުޅި ދިރިއުޅުން ހަލާކުވެގެން ދިޔަ ކަަމަށް ގަބޫލު ކުރި ގެމެންދޫ ރައްޔިތުންގެ ހިތުގައި އުންމީދުގެ ހުޅުކޮޅު ރޯކޮށް ދިން ކުޑަހުވަދޫ ރައްޔިތުންނަށް އަދިވެސް ހިތުގެ ފުންމިނުން ޝުކުރު އަދާ ކުރެއެވެ. މިއަދާ ހަމައަށް އެ ހާދިސާއަށް 19 އަހަރުވީ އިރު ވެސް އުފަން ރަށް ނޫން ތަނެއްގައި ދިރިއުޅެވޭ ކަމުގެ އިހްސާސް ނުކުރެވޭ ކަމަށް އެމީހުން ބުނެއެވެ.