މިއަދަކީ ރާއްޖެއަށް ސުނާމީ އެރިތާ 19 އަހަރު ވީ ދުވަހެވެ. އެ ކާރިސާގައި ހާލުގައި ޖެހުނު އެތައް ދިވެހިންނެއް ތިބި އިރު، އަދިވެސް އެ ހަނދާންތަކަކީ އިއްޔެގެ ކަމެއްހެން ސިކުނޑީގައި ހަރުލާފައި ހުންނަ ކަމަށް މީހުން ބުނެއެވެ. އެއީ ހަނދާނުން ފޮހެލަން ދަތި، ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވާ ހިތްދަތި ދުވަހެކެވެ.
ސުނާމީގައި ރާއްޖެއިން 82 މީހުން މަރުވި އިރު، 25 މީހަކު ވަނީ ގެއްލިފައެވެ. މިހާތަނަށްވެސް އެމީހުންނަށް ވީނުވީއެއް ނޭނގެއެވެ. އެތައް ހާސް ބަޔަަކަށް އަނިޔާލިބި ފަރުވާ ދޭން ޖެހުނު އިރު، އެތައް އާއިލާއެއްގެ ބޯހިޔާވަހިކަން ގެއްލި، އުމުރު ދުވަހު ކުރި މަސައްކަތް ސިކުންތެއްކޮޅު ތެރޭގައި ވީރާނާވެ، ހާލުގައި ޖެހުނު އެތައް ބަޔަކު ތިއްބެވެ.
ސުނާމީ ކާރިސާގެ ހަނދާންތައް 'ދަ ޕްރެސް' އާ ހިއްސާ ކުރަމުން ދ. ހުޅުދެލި، އަސުރުމާގޭ، އުމުރުން 53 އަހަރުގެ ހަސަން ހަމީދު ބުނީ، އެ ދުވަހު ހުޅުދެއްޔަށް އެރި ސުނާމީގައި އެންމެ ނުރައްކާތެރި ހާދިސާއާ ކުރިމަތިލާން ޖެހުނީ އޭނާއަށް ބޮޑުބޭބެ ކިޔާ ކޮއްކޮއެއްގެ ދަރިފުޅަށް ކަމަށެވެ.
ސުނާމީ އެރި އިރު ހަސަން ހަމީދު މެންގެ މުސްކުޅިގެ އިމާރާތް ކުރަން ވެގެން އެގޭގެ ޓިނުތައް ނަގައި އެތެރޭގައި ހުރި ތަނެއް ހިޔާ ކޮށްފައި މަސައްކަތް ކުރަން ގެނެސް ހުރި މުދާތައް ހުރީ ބަހައްޓާފައެވެ. އެގޭގައި އޭރު އެއްވެސް މީހަކު ދިރިނޫޅޭ ކަމަށާއި، ނަމަވެސް އެގޭގެ ބަދިގެ އެ އާއިލާއިން ބޭނުން ކުރަމުން ދިޔަ ކަމަށް އޭނާ ކިޔައިދިނެވެ.
އެ ދުވަހު ހެނދުނު އޭނާ ދިޔައީ މުށި މަސް ބާނާށެވެ. މަސް ބާނައިގެން އެ މުސްކުޅި ގެއާ ހަަމައަށް އޭނާ އައިސް ހުއްޓާ އެ ރަށުގައި އުޅޭ އުމުރުން ދުވަސްވީ އަންހެނެއް ކަމަށްވާ ލަތީފާ އޭނާ ގާތަށް އައެވެ. އެ ވަގުތު ދިޔަވަރު ބޮޑުވަމުން ދިޔަ ކަމަށާއި ދިޔަވަރު ބޮޑުވަމުން އައީ ކީއްވެގެން ކަން ނަގައިގަންނަން ނޭނގުނު ކަމަށް އޭނާ ބުނެއެވެ.
ދިޔަވަރު ބޮޑުވަމުން އައި ވަގުތު ވެސް އެގޭގެ ފާރު ކީހަން މީހަކު ހުރީ ގްރޭންޑަރު ޖައްސައިގެންނެވެ. ރާޅުގަނޑު ބޮޑުވެ ލޮނުގަނޑު މުޅި ރަށު ތެރެއަށް ފެތުރެން މާ ގިނަ އިރުތަކެއް ނުނެގިއެވެ. އޭރު އޭނާގެ ދެ ދަރިންނާއި މައިންބަފައިން ވީ ތަނެއް ނޭނގޭ ކަމަށް އޭނާ ބުނެއެވެ.
ރާޅުގަނޑު އަރައިގެން އައި ވަގުތު އޭނާގެ ކޮއްކޮ ހަލީމާ ހުރީ، އޭނާގެ ދަރިފުޅު ޝިފާން ގައިގައި އޮޅުލައިގަނެގެންނެވެ. އޭރު ހަސަން ހަމީދު އެ މަގަށް ނިކުމެ އާބިދާމެން ގޯއްޗާ އަރާ ހަމަވީއެވެ. އެވަގުތު ހަލީމާ ހިފަހައްޓައިގެން ހުރި އޭނާގެ 2 އަހަރުގެ ދަރިފުޅު، އަތުން ދޫވެގެން ލޮނުގަނޑު ތެރެއަށް ވެއްޓުނުތަން ހަސަން ހަމީދަށް ފެނުނެވެ.
ރަށު ތެރެއަށް ފަތުރެމުން ދިޔަ ލޮނުގަނޑު ކިލަނބު ކަމުން ފެން ގަނޑުތެރެއަށް ވެއްޓުނު ކުއްޖާ ނުފެނުނު ކަމަށް އޭނާ ބުނެއެވެ. އެ ކުއްޖާ އޮޔާ ދަމައިގެން ދިމާއެއް ވެސް ނޭނގުނު ކަމަށާއި އެ ދުވަހު ކަންތައް ވީ ގޮތް ފެނިފައި ހިތަށް އެރީ ދެން ޝިފާން މަރުވީ ކަމަށެވެ. އެ ސޮރު ލޮލަށް ފެންނާނެ ކަމުގެ އުންމީދު ގެއްލުނެވެ. އޭރު އެމީހުންގެ ގޭގެ ބައްތެލި ވެސް އެމީހުން ކުރިމަތިން ލާފައި އޮޔާދާ މަންޒަރު ފެނުނެވެ. އެ ވަގުތު ބައްތެއްޔަށް ބަލާކަށް ހަމީދު ބޭނުމެއް ނުވިއެވެ.
ސުނާމީ އަރައި ރަށު ތެރެއަށް ފެތުރިގެން ދިޔަ ލޮނުގަނޑު ދެތިން މިނެޓެއް ތެރޭ މައިތިރި ވެއްޖެއެވެ. ލޮނުގަނޑު ތެރޭ ހިނގާބިނގާވެ އުޅެވޭ ވަރަށް މަޑުވުމުން މުސްކުޅި ގެއާ ދިމާއަށް ހަސަން ހަމީދު މިސްރާބު ޖެހިއެވެ. ގެއާ ދިމާއަށް ދިޔަ ވަގުތު ގާފުނިތައް މަތީގައި ރަށުގެ އެތައް ބަޔަކު ސަލާމަތްވާން އަރާ ތިބި ތަން ފެނުނު ކަމަށް އޭނާ ބުނެއެވެ. ގެއަށް ދިޔަ މަގުމަތީ އާބިދާމެންގޭ ފުޅަފު ތެރެއިން އޭނާއަށް ހަލީމާގެ ދަރިފުޅު ޝިފާން ފެނުމުން ހަމްދު ކުރެވުނު ކަމަށް ބުނެއެވެ.
އެގެއަކީ ރާނާފައިވާ ގެއެއް ނޫން ކަމުން އެގޭ ތެރޭގައި ހުރި ގާގަނޑު މަތީގައި ހިފަހައްޓައިގެން ޝިފާން އެލިގަނެގެން އޮތް ތަން ފެނުނު ކަމަށް ހަސަން ހަމީދު ބުނެއެވެ. އޭނާ އޮތީ ޗަކައިން ތަތްތެޅިފައި ކަމަށާއި އަނގައި ތެރެއަށް ވެސް ޗަކަ ވަދެފައިވާ ކަމަށް ހާމިދު ބުނެއެވެ. އެ ސޮރު އޮތް ހާލު ފެނިފައި އުންމީދު އޭނާ ކަނޑާލިއެވެ.
މަގުމަތިން ދިޔަ ލޮނުގަނޑުގެ އޮއެވަރާއެކު އޭނާ ދިޔައީ އަޑިން ކަމަށާއި، މަގުމަތިން އެ ދިޔަ ގޮތަށް ދިޔަ ނަމަ އެ ކުއްޖާގެ ފުރާނަ ދިޔައީސް ކަމަށް ހާމިދު ބުންޏެވެ. އެ ކުއްޖާ ސަލާމަތްވީ އޮއެވަރާ އެކު އާބިދާމެން ގޯތިތެރެއަށް ވަދެވުނީތީ ކަމަށް އޭނާ ބުނެއެވެ.
ސުނާމީއަށް ފަހު ހަމީދުމެން ދިޔައީ ދައްތަ މެންގެއަށް ކަމަށާއި ނަމަވެސް ހަވީރު އޭނާ މުސްކުޅިގެ ހުރި ހިސާބަށް ދިޔައެވެ. އަދި އެ ދުވަހު އެ ހިސާބަށް ރާޅު އެރި ތަން އޭނާ ފާހަގަކޮށް އެ ސަރަހައްދުގައި ހުރި ކައުންސިލްގެ ރަށްވެހިގެ ބޭރު ފާރުގައި ގާ ކޮޅެއްގެ އެހީގައި ނިޝާނެއް ޖެހިއެވެ.
ސުނާމީއަށް 19 އަހަރު ފުރުނު އިރު އަދިވެސް އެ ފާހަގަ ޖެހި ފާރުގައި ސިމެންތި ޖަހާފައެއް ނުވެއެވެ. ކުލަކޮޅެއް ވެސް ނުލައި ހުރި އެ ފާރުގައި ހަސަން ހަމީދު ޖެހި ފާހަގަ ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. މިއީ ސުނާމީ އެރި ދުވަހުގެ ހަނދާނީ ރަމްޒެއްގެ ގޮތުން އޭނާ ގަބޫލު ކުރެއެވެ. އެއީ ދުވަހަކުވެސް ހަނދާނުން ފޮހެލެވޭނެ ދުވަހެއް ނޫނެވެ. ރަށުގެ ރައްޔިތުން އުޅެން ޖެހުނު ހާލާއި އެ ހިތްދަތި ކަމާއި ބިރުވެރިކަމަކީ ފޮހެވިގެން ނުދާނެ ހަނދާންތަކެކެވެ.