ފުށިދިއްގަރުފަޅުގެ މަސައްކަތް ފެށިތާ ހަފުތާއެއްގެ ތެރޭ 10 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ފެށީ މިދިޔަ ހޯމަ ދުވަހުގައެވެ.

އާބަންކޯ އިން ބުނި ގޮތުގައި، ހޯމަ ދުވަހުން ފެށިގެން މިއަދުގެ މިހާތަނަށް ފުށިދިއްގަރުފަޅުން 10 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އެ ތަނުން ބިން ހިއްކާފައި ވަނީ އަތިރިމަތި ސަރަހައްދެވެ.

ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ އަށް މަސް ދުވަހަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ:

  • މަޝްރޫއު ނިމުމުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާނެ ކަމަށް
  • ފުށިދިއްގަރުފަޅުގައި ތަރައްގީކުރަނީ 'ކާބަން ފްރީ' ސިޓީ އެއް ކަމަށް
  • އެ ސިޓީގެ ހުރިހާ ކަމެއް ކުރާނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށް

ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ސިޓީ އަށް ކިޔުމަށް ހަމަޖެހިފައި ވަނީ 'ރަސްމާލެ' ކަން ހާމަކުރައްވައިފައެވެ.