ވިލިމާލެ މޫދުގައި ގެނބުނު އަންހެނަކު ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ވިލިމާލެ ބާބަކިޔު ހަދާ ސަރަހައްދާ ދިމާ މޫދުގައި އަންހެނަކު ގެނބޭ ކަމަށް ރޭ 12:31 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މީހަކު ގެނބޭކަމަށް މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ފުލުހުން ގޮސް ފުލުހެއްގެ އެހީތެރިކަމާއެކު އެ އަންހެން މީހާ ސަލާމަތްކޮށް ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެއީ 32 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހާއަށް ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާ އައީލާއަށް ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފުލުސް މީހާއަށް ކޮންމެވެސް ވަރަކަށް ލޮނު ބޮވި ހާލު ގޯސްވުމުގެ ސަބަބުން ވިލިމާލެ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.