ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވުމުގެ މަސައްކަތް ކުރަމުންދާ ޕީއެންއެފް ޖަލްސާ ބާއްވާނީ އެމަނިކުފާނު މިނިވަންވެ ވަޑައިގަތުމުން ކަމަށް އެ ޕާޓީގެ އެއް މުއައްސިސް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އުފެއްދުމުގެ އެންމެ ފަހުގެ މައުލޫމާތު "ދަ ޕްރެސް" އަށް ހިއްސާކުރައްވަމުން މަލީހު ވިދާޅުވީ ޕްލޭންއާއި ޓާގެޓާ އެއްގޮތަށް ކުރިއަށްދާ ގޮތަށާއި މިހާރު ކުރިއަށް ދަނީ ލިބިފައިވާ ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ރައީސް ޔާމީނަށް ޕާޓީ އުފެއްދެވުމުގެ ޖަލްސާ ބޭއްވުމަށް ނިންމަވާފައިވާ ކަމަށާއި އުންމީދަކީ ވީހާވެސް އަވަަހަކަށް ރައީސް ޔާމީން މިނިވަންވުން ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ޝަރީއަތް ދާ ގޮތަށް ބެއްލެވުމަށްފަހު ރައީސް ޔާމީނަށް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެ ގޮތަށް ފޯމު ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަަމަށެވެ. އަދި ލިބިފައި ހުރި ފޯމުތަކުގެ ތެރޭގައި ބައެއް ކުދި ރަށްރަށުގެ ފޯމުތައް ނެތުމާއެކު އެ ފުރުސަތު އެ ރަށްތަކަށް ދިނުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި ޕީއެންއެފްއަކީ ހުރިހާ ރަށެއްގެ މެންބަރުން ހިމަނައިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފައްދާ ޕާޓީ ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ޕާޓީ އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅަން ގަސްތުކުރައްވަނީ ގާތްގަނޑަކަށް 3500 އާއި 4000 ފޯމު ކަމަށާއި ހުއްދަ ލިބުމާއެކު ޖަލްސާ ބޭއްވުމަށްފަހު ޕާޓީ ރަޖިސްޓްރީ ކުރުމާއެކު ޕާޓީގެ މެންބާޝިޕް އިތުރުކުރަން ފަށާނެ ކަމަށެވެ.

ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުالله ޔާމީންގެ ނަމުގައި އުފައްދާ ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީއިން ދީފައިވާއިރު ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރާކާތްތެރިވާ ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު، މުހައްމަދު މަލީހް ޖަމާލް، ލޯޔަރު އަހްމަދު އާސިފް އަދި ރައީސް ޔާމީންއަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ ހުއްދަ އާ ހަވާލުވެ ވަޑައިގަތުމަށް އީސީއަށް ވަޑައިގެންފައެވެ.

ޕާޓީގެ މުއައްސިސްގެ ގޮތުގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން 8 ބޭފުޅުން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޔާމީންގެ އިތުރުން މުއައްސިސުންގެ ގޮތުގައި ތިއްބަވާނީ ޑރ. މުހައްމަދު ޖަމީލު އަހުމަދު, ކުރީގެ ސީޕީ ހުސައިން ވަހީދު, މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ, އަދްލީ އިސްމާއީލް، ޑރ. ޖިހާދު ހަސަން، ކަކާގޭ އަލީ އާދަމް އަދި ޔާމީންގެ ދަރިކަލުން ޒެއިންއެވެ.