ހުސްވި ނޮވެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރީ ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ)އިން ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

މިއަދު ކަސްޓަމްސް އިން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު ޔޫއޭއީން ވަނީ 664 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. އަދި 651 މިލިއަން ރުފިޔާގެ މުދާ އިންޑިއާ އިން އެތެރެކޮށްފައިވާއިރު އޮމާން އިން ވަނީ 513 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ.

މީގެ އިތުރުން ސިންގަޕޯއިން 421 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާއިން ވަނީ 420 މިލިއަން ރުފިޔާގެ މުދާ އެެތެރެ ކޮށްފައެވެ. އަދި ހުސްވި ނޮވެމްބަރު މަހު ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަން ކުރެވުނު އަދަދު 22،070 އަށް އަރައެވެ.

މިދިޔަ މަހު ރާއްޖެއިން ބޭރުން 131 އުޅަނދު އައިސްފައިވާއިރު ރާއްޖެއިން ފުރާ ފައި ވަނީ 139 އުޅަނދެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 40 އުޅަނދުގެ އިތުރުވުމެކެވެ.

2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިމްޕޯޓް އަދި އެކްސްޕޯޓްގެ އާމްދަނީގެ ގޮތުގައި 355 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރު ލިބިފައި ވަނީ 429 މިލިއަން ރުފިޔާއެވެ. މިއީ 21 ޕަސެންޓްގެ އިތުރުވުމެކެވެ. އެކްސްޕޯޓް ކުރި މުދާ (އެފްއޯބީ)ގެ އަގު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 32 ޕަސެންޓް ވަނީ އިތުރުވެފައެވެ. އަދި އިމްޕޯޓް ކުރި މުދާ (ސީއައިއެފް)ގެ އަގު 2 ޕަސެންޓް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދަށްވެފައެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރު ކުރި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ތައިލެންޑެވެ. އެއީ 56 ޕަސެންޓާއެކު އެވެ. މި އަހަރުގެ ނޮވެމްބަރު މަހުގެ ރޯޔަލްޓީގެ ގޮތުގައި 11،792،128.67 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.