ޔޫކްރައިން ހަނގުރާމަ ޕުޓިން އަށް ކާމިޔާބުވެ ވަޑައިގެންފި ނަމަ ނޭޓޯގެ ގައުމަކަށް ވެސް ހަމަލާ ދީފާނެ ކަމަށާއި އެއީ 3 ވަނަ ބޮޑުހަނގުރާމައަކަށް ވެދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވުމުން ޕުޓިން ޖޯކު ޖައްސަވައިފިއެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވީ, ބައިޑަން ދައްކަވަނީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށާއި ރަޝިއާއިން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ އެގައުމުގެ މަސްލަތަހާ ގުޅިފައި އޮތް ކަމެއް ކަމަށެވެ.

ޕުޓިން ވިދާޅުވީ, ނޭޓޯގެ ގައުމަކާ ހަނގުރާމަ ކުރުމުގެ ސަރަހައްދީ ސިޔާސީ މަސްލަހަތެއްވެސް އަދި އިގުތިސޯދީ މަސްލަހަތެއްވެސް އަދި އަސްކަރީ މަސްލަހަތެއްވެސް ނެތް ކަމަށެވެ.

އަދި ބައިޑަން އަށް އެކަން މާ ރަނގަޅަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި އޭނާ އެވާހަކަ ދައްކަވާ މަގުސަދަކީ, އެ ސަރަހައްދުގައި ބިރުވެރިކަން އުފެއްދެވުން ކަމަށް ވެދާނެ ކަމަށެވެ.

ޔޫކްރައިން ހަނގުރާމަ އާއެކު އެމެރިކާ އާއި ރަޝިއާގެ ގުޅުން އިންތިހާއަށް ގޯސްވެފައި ވާ އިރު, ޔޫކްރައިން އަށް މަދަދު ދޭ އެންމެ ބޮޑު ބައިވެރިއަކީ އެމެރިކާއެވެ. މިހާރު ހަނގުރާމައަށް 22 މަސް ވެގެން ގޮސްފައި ވާ އިރު އެމެރިކާއިން އެކަނި ވަނީ 111 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރައިން އަށް ދީފައެވެ. އޭގެ އިތުރުން ފައިސާގެ އެހީއާއި ލޯނުގެ ގޮތުގައި ދީފައިވާ އެހީވެސް ހިމެނެއެވެ.

ފެށިފައި މިވާ ފިނި މޫސުމުގައި ރަޝިއާ އާއި ޔޫކްރައިން އަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެމުން ދާ އިރު އެމެރިކާއިން މިވަގުތުވެސް ވިސްނަމުން ދަނީ އަސްކަރީ އިތުރު އެހީ ފޯރުކޮށް ދިނުމަށެވެ. އެގޮތުން އިތުރު 61 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ޔޫކްރައިން އަށް ދިނުމަށްޓަކައި ގާނޫނު ހަދާ މަޖިލީހުގެ ހުއްދައަށް އެގި މިހާރުވެސް ވަނީ ހުށަހަޅާފައެވެ.