މިސްރުގައި ބަޣާވާރަކުން ވެރިކަމަށް ވަޑައިގެންނެވި އަބްދުލް ފައްތާހު އަލް ސީސީ, 89.6 ޕަސެންޓު ވޯޓު ހޯއްދަވައިގެން 3 ވަނަ ދައުރެއް ޔަގީން ކުރައްވައިފި ކަމަށް އެގައުމުގެ އިންތިހާބާ ބެހޭ އިދާރާއިން ބުނެފިއެވެ.
މި ހިނގާ ޑިސެމްބަރު 10 އިން 12 އަށް ބޭއްވި އާންމު އިންތިހާބުގެ ވޯޓުގައި 66.8 ޕަސެންޓް މީހުން ވޯޓުލާފާއި ވާ އިރު މިޙާރު ހުރިހާ ވޯޓެއް ގުނާ ނިމިއްޖެ ކަމަށާއި ނަތީޖާ ދައްކާ ގޮތުން ސީސީ 3 ވަނަ ދައުރެއް ޔަގީން ކުރައްވާ ކަމަށް ބުނެފައި ވެއެވެ.
މެދުއިރުމަތީގައި އެންމެ ބައިގިނަ ގައުމު, މިސްރުގައި ވޯޓުލީ މީހުންގެ ތެރެއިން 39 މިލިއަން މީހުން ސީސީއަށް ވޯޓު ދިން ކަމަށްވެސް ބުނެފައި ވެއެވެ.
އަސްކަރީ ދާއިރާއިން ވެރިކަމަށް ވަޑައިގެންނެވި ސީސީއާ ވާދަ ކުރީ 3 ކެންޑިޑޭޓުންނެވެ. އެއިން އެއްވެސް މީހަކީ އާންމުންގެ ތެރޭގައި މަގުބޫ ބަޔަކަށް ނުވާއިރު ސީސީގެ ހާއްސަ ސިޔާސަތުގެ ދަށުން އިދިކޮޅު ނުފޫޒުގަދަހެން ހީވާ އެންމެން އެކި ދުވަސްމަތިން ތިބީ ހިފާ ހައްޔަރު ކޮށްފައެވެ. އަދި އެފަދަ ކެންޑިޑޭޓުންގެ ސަޕޯޓަރުންވެސް ހިފާ ހައްޔަރު ކޮށްފައި ވާ އިރު, އިދިކޮޅުން ވާދަ ކުރި މީހުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބުނީ, ރިޕްބަލިކަން ޕީޕަލްސް ޕާޓީގެ ކެންޑިޑޭޓް ހާޒިމް އޮމަރަށެވެ. އޭނާއަށް 4.5 ޕަސެންޓް ވޯޓު ލިބުނެވެ.
ސީސީ ވެރިކަމަށް ވަޑައިގަތީ 2013 ވަނަ އަހަރު މިސްރުގައި ތާއީދު ބޮޑު މުހައްމަދު މޫރުސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ފަހުއެވެ. އޭގެ ފަހުން 2018 ގައި ބޭއްވި އިންތިހާބުގައިވެސް ސީސީއާ ވާދަކުރާނެ ހަރުދަނާ ކެންޑިޑޭޓަކު ނެތި ހޮވުނީ ސީސީއެވެ.
އެންމެ ފަހުން ބޭއްވި 2 އިންތިހާބުގައި މޫރުސީއަށް 97 ޕަސެންޓް ލިބުނު ކަމަށް އިންތިހާބާ ބެހޭ އޮފީހުން އޭރު ބުނެފައި ވެއެވެ. އެއާއެކު ޒަމާނުއްސުރެ 4 އަހަރުގެ 2 ދައުރު އޮންނަ މިސްރުގައި 6 އަހަރުގެ 3 ދައުރު ވެރިކަން ކުރެވޭނެ ގޮތަށް ގާނޫނުތަކަށް ބަދަލު ގެނެސް ސީސީގެ ބާރު ގަދަކުރެއްވިއެވެ.
މިހާރުވެސް މިސްރުގެ ޖަލުތަކުގައި ސިޔާސީ ކުށްވެރިންގެ ގޮތުގައި އެތައްހާސް ބަޔަކު ތިބި އިރު, ސީސީގެ ވެރިކަމުގައި އެއްއަހަރަކު 1000 މީހުން މިނިވަން ކުރިއެވެ. ނަމަވެސް ހަމަ އެއަހަރު އިތުރު 3000 މީހުން ހައްޔަރު ކުރިއެވެ.
މިސްރުގެ މަޝްހޫރު ރައީސް ހުސްނީ މުބާރަކުގެ ވެރިކަން ވައްޓާލުމަށް ފަހު އެގައުމަށް ހަމަޖެހުމެއް ނާދެއެވެ. ގޮށްމުށުގެ ބާރުގައި ސީސީ ވެރިކަން ކުރައްވަމުން ގެންދަވާއިރު މިސްރުގެ އިގްތިސޯދު އޮތީ ވަޅުޖެހިފައެވެ. ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރޭގައި މިސްރު ވަނީ ފިތިފައެވެ. މިހާރު ކުރިއަށްދާ އިޒްރޭލް, ހަމާސް ހަމަނުޖެހުމުގެ ތެރޭގައިވެސް ވަކިކޮޅެއް ނެގުމުގައި މިސްރު ވަނީ ހަތަރުއަނގޮޅިއެއްގައެވެ.