ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރި 4،000 ފްލެޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ފުޅާ ކޮށް ހާޒިރު ކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް ބަޔާންތައް ނަގަން ފަށައިފިއެވެ.
އޭސީސީން ބުނީ، ފްލެޓް ތަކާ ގުޅިގެން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ހައުސިންގް މިނިސްޓްރީން ދިނުމާއެކު ތަހުގީގުގެ މަސައްކަތްތައް މިހާރު އިތުރަށް ފުޅާކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅޭގޮތުން ތަހުގީގަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް އެ ކޮމިޝަނުން ނަގަމުންދާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި ހަމަ އެހެންމެ މިއީ ގިނަ ބައެއްގެ މަސްލަހަތާ ގުޅުންހުރި މައްސަލައަކަށް ވުމުން، ވީހާވެސް އަވަހަށް މައްސަލަ ތަހުގީގުކޮށް ނިންމުމަށް އެ ކޮމިޝަނުގައި އެކަމަށް ބޭނުން ކުރެވެންހުރި، ފަންނީ އަދި އިންސާނީ ވަސީލަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކޮށް މަސައްކަތް ކުރަމުންދާ ކަމަށް ބުނިއެވެ.
ފްލެޓްތައް ދޫކުރުން ހުއްޓާލުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ އޭސީސީއިން ވަނީ ހައުސިން މިނިސްޓްރީއަށް އަންގާފައެވެ. އަދި އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އޭސީސީގެ މެމްބަރުން ހާޒިރުކުރުމުން އޭސީސީއިން ވަނީ ސްކީމްއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ލިބުނު ޕޮއިންޓް އިތުރުކޮށް ޝަރުތުހަމަނުވާ ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށް ބުނެފައެވެ.
ގެދޮރުވެރިޔާ ޕޯޓަލްއަކީ ހުށަހަޅާ މައުލޫމާތާ އެއްކޮށް އޮޓޯއިން ޕޮއިންޓް ލިބޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޕޯޓަލްއެއް ކަމަށްވީ ނަމަވެސް، އޮޓޯއިން ލިބޭ ޕޮއިންޓަތައް ސުޕަވައިޒް ކުރަން ހުންނަ ފަރާތްތަކުން ޕޮއިންޓް ބަދަލުކޮށްފައި ހުރިކަން ފާހަގަވެފައިވާ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.
އެގޮތުން ބަލާއިރު ދަރިން ނެތް ކަމަށް ފޯމުގައި ޖަހާފައިވާ ފަރާތްތަކަށް، ދަރިން ތިބި ކަމަށް ޕޮއިންޓް ދީފައިވާ ކަމާއި، މާލޭގައި ދިރިނޫޅޭ ފަރާތްތަކަށް މާލޭގައި ދިރިއުޅޭ ކަމަށް ކަނޑައަޅައި ޕޮއިންޓް ދީފައިވާކަން އޭސީސީއަށް ފާހަގަވެފައިވާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ހުޅުމާލޭގައި މިހާރު އިމާރަތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓާމެދު ނުރުހުންވެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމާ ގުޅިގެން 325 ޝަކުވާ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.