ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި އެސްޓީއޯއިން ގެނައި ފިޔާ އާންމު ވިޔަފާރިތަކަށް ދޫކުރަނީ ކިލޯއެއް 20 ރުފިޔާއަށްވުރެ ބޮޑު ނުކުރުމަށް ޝަރުތުކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ ގައުމު ކަމަށްވާ އިންޑިއާއިން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެއްވެސް ގައުމަކަށް ފިޔާ އެކްސްޕޯޓް ކުރުން ވަނީ މަނާކޮށްފައިވާއިރު ފިޔަލުގެ އަގު ވަނީ އުފުލިފައެވެ. އެގޮތުން މިހާރު ބާޒާރުގައި 800 ރުފިޔާއާއި 900 ރުފިޔާއަށް ފިޔާ ވިއްކަމުންދާއިރު އަގުބޮޑުކޮށް ފިޔާ ނުވިއްކުމަށް އިކޮނޮމިކް މިނިސްޓްރީއިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ފިޔާގެ އަގު އުފުލިފައިވާ މިދަނޑިވަޅުގައި އެސްޓީއޯއިން ބުނީ އެސްޓީއޯގެ ހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގެ ބާޒާރުގައި އޮގަސްޓުމަހުން ފެށިގެން ފިޔާގެ އަގު އުފުލެމުން އައިސް އޮކްޓޯބަރު މަހާ ހަމައަށް އައިރު ރާއްޖޭގެ ބާޒާރަށްވެސް އެކަމުގެ އަސަރުކޮށް ފިޔާ ބަސްތާއެއްގެ އަގު 400 ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ.

އެސްޓީއޯއިން ބުނީ އެއާއެކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު މަތިވަމުން ގޮސް ޑިސެމްބަރު މަހާ ހަމައަށް އައިއިރު ފިޔާ ބަސްތާއެއްގެ އަގު 800 ރުފިޔާއާއި 900 ރުފިޔާއާ ދެމެދުގެ އަގަކަށް އުފިލިފައިވާ ކަމަށާއި ދިވެހިންގެ އާއްމު ކެއުމުގައި ހިމެނޭ އެއްބާވަތެއްކަމަށްވާ ފިޔާގެ އަގު މި މިންވަރަށް އުފުލުމުން އެކަމުގެ ޝަކުވާ އެސްޓިއޯއަށްވެސް ލިބިފައިވާ ކަމަށެވެ.

އެސްޓީއޯއިން ބުނީ މިގޮތުން ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކުރުމަށް އެސްޓީއޯއިން މިހާރުވަނީ ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރު ދެނެގަނެ، ފިޔާ އެތެރެކުރަން ފަށާފައި ކަމަށާއި ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4500 ބަސްތާގެ ފިޔާ އެތެރެކުރެވިފައިވާ ކަމަށެވެ. އެގޮތުން އެތެރެކުރެވޭ ފިޔާ އާއްމުންނަށް ވިއްކާނީވެސް އާންމު ވިޔަފާރިތަކުން ކަމަށާއި ވިޔަފާރިތަކަށް ފީޔާ ދޫކުރާނީ އެސްޓީއޯއިން ކަނޑައަޅާފައިވާ މެކްސިމަމް އަގައްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް ޝަރުތުކުރުމަށް ފަހު ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯއިން އިމްޕޯޓް ކޮއްފައިވާ ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރު ބާޒާރަށް ނެރެފައިވާ ކަމަށާއި އެކަމުގައި އެސްޓީއޯގެ އަމާޒަކީ މާކެޓް ސްޓޭބަލައިޒްކުރުން ކަމުގައިވުމުން ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބިގެން އަންނަންދެން އަދި ބާޒާރުގެ އަގު ކޮންޓޮރޯލްވަންދެން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ފޯރުކޮށްދޭނެ ކަމަށެވެ.